މީޑިއާތަކުން ހަބަރު ފަތުރާއިރު ހާރިޖީ ގުޅުމަށް ބުރޫއަރާފަދަ ގޮތަކަށް ހަބަރުތައް ގެނެސްދިނުމަކީ ގައުމަށް ދެވޭ ހަމަލާއެއްކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "މިނިވަން ދިވެހިރާއްޖެ" ޑޮކިއުމަންޓްރީ ލޯންޗުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީލް ވަނީ މިފަހުން "ޗެނަލް 13" އިން ޝާއިއުކުރި ހަބަރެއް ފާހަގަކުރައްވައިފައެވެ. އެ ހަބަރުގައި ވަނީ އިނގިރޭސިވިލާތާއި ކޮމަންވެލްތު އަދި ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގަައުމުތަކުން ސަރުކާރުގެ މަސްކުންފުނި، މިފްކޯ ބޮއިކޮޓް ކޮށްފައިވާ ކަމަށެވެ. އެ ހަބަރު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ދޮގުކުރައްވައިފައެވެ.

ހަލީލް ވިދާޅުވީ އެފަދަ ދޮގު ހަބަރުތަކަކީ އަމިއްލަ އަތުގައި އޮންނަ ފުރޮއަކުން އަމިއްލަ ފައިގައި ޖެހުން ކަހަލަ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާދަތީ ކަންތައްތަކަށް ނުފޫޒު ނޫނިއްޔާ ސިޔާދަތީ ކަންތައްތަކަށް ބުރޫއަރާ ޒާތުގެ ވާހަކައެއް ވިއްޔާ އެ ވާހަކައެއް ޖެހޭނެ އަޅުގަނޑުމެންގެ އަމިއްލަ ގައުމަށްޓަކައި އަޅުގަނޑުމެންގެ ނަފްސަށްޓަކައި ބާއްވާލަން،" ހަލީލް ވިދާޅުވިއެވެ.

"މި ޒާތުގެ ކަންކަން ކުރާ ނަމަ، ރާއްޖެއާ ދޭތެރޭގައި އެކިއެކި ފަރާތްތަކުން އޮންނަ ޝައުގުވެރިކަމަށް އެބަ ބުރޫއަރާ. ކޮށްގެން ނުވާނެ އެކަމެއް. އެއީ އަމިއްލަ އަތުގައި އޮންނަ ފުރޮއިން ފައިގައި ޖެހުން ކަހަލަ ކަމެއް މިކުރަނީ،"

އެހެންވުމުން މީޑިއާތަކުން ހަބަރުތައް ގެނެސްދޭއިރު އެފަދަ ކަންކަމަށް ސަމާލުކަންދޭންވާނެކަމަށް ހަލީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް ދިވެހިން ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގައި ރާއްޖެއާ ގުޅޭގޮތުން ދޮގު ވާހަކަތައް ދެއްކުމުގެ ސަބަބުންވެސް ރާއްޖެއަށް ގެއްލުންވަމުންދާ ކަމަށެވެ. އެފަދަ ކަންތައް ކުރާ މީހުންގެ ހިތުގައި ގައުމީ ލޯބި އޮންނާނެތޯ ހަލީލް ސުވާލުކުރެއްވިއެވެ.

ހަލީލް ވިދާޅުވީ ގައުމަށް އެއްވެސް ގޮތަކުން އެއްވެސް ގެއްލުމެއް ލިބިދާނެ ކަންކަން ކޮށްގެންނުވާނެ ކަމަށެވެ.