ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް އިއްޔެ ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ހޯދަން ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށާއި އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ކޯސްޓްގާޑުން ބަލައިފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަންގައި ގދ. ގައްދޫ ޕޮލިސް ސްޓޭޝަނާއި، ގައްދޫ މަސްވެރިންނާއި، އެ ރަށުގެ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ކޯސްޓްގާޑަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އިއްޔެ ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު، ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެއް ކަމަށާއި ދަތުރުކުރަމުން ދިޔަ ޑިންގީއަކީ ނޫކުލައިގެ ބާރިފަށެއް ދަމާފައިވާ ހުދުކުލައިގެ ޑިންގީއެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.