ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މި ދުވަސްވަރު ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށްއޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަދި ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މެޓް އޮފީހުން ރީނދޫ ނުވަތަ އޮރެންޖު އެލާޓް ނުރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

އިއްޔެއަކީ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގި ދުވަހެކެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ، ޑިންގީއެއްގައި ގދ. ގައްދޫން އެ އަތޮޅު ގަމަށް ދަތުރުކުރަމުންދިޔަ ގދ. ގައްދޫ، ކޯޒީ ރައުންޑް، ޒަކަރިއްޔާ މުހައްމަދު (79އ) ގެއްލުނު ހާދިސާއެވެ. އިއްޔެ ހަވީރުން ފެށިގެން ކޯސްޓްގާޑުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން މިއަދު ވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ.

މިއަދު މެންދުރުފަހު 3:30 އިން ފެށިގެން މިރޭ 7:30 ގެ ނިޔަލަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށެވެ. މިއަދު ހެނދުނު ވެސް އެ ސަރަހައްދުތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން އެލާޓް ނެރެފައި ނުވަނީ ހަމައެކަނި ދެކުނުގެ ގއ އަތޮޅު، ގދ އަތޮޅު، ފުވައްމުލަކު އަދި އައްޑޫ ސިޓީއަށެވެ. އެހެން ހުރިހާ ރަށްތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން މިއަދު ބުނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ވިލަގާނޑުގައި ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

އެ ސަރަހައްދުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ. މިއަދާއި މާދަމާ ވެސް ވިއްސާރަކޮށް، މަގުތަކުގައި ފެން ބޮޑުވެ އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.