އިންޓަނޭޝޭނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އަދި ވޯލްޑް ބޭންކުގެ އަހަރީ ބައްދަލުވުން ފެށުމުގެ ކުރިން ތައިލެންޑުގެ ވެރިރަށް ބޭންކޮކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ.
މިއީ އޮކްޓޯބަރު 12 އިން 18 އަށް ބޭންކޮކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މާލީ ބައްދަލުވުމަށް 15,000 އަށްވުރެ ގިނަ މަންދޫބުން ޒިޔާރަތްކުރުމަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި ދިން އިންޒާރެކެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ އޮކްޓޫބަރު 10 އިން 12 އާ ދެމެދުގައެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބޭންކޮކްގެ ކުއީން ސިރިކިޓް ނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ. މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ގަޑިއަކު 30 އިން 50 މިލިމީޓަރާ ދެމެދުގެ ބޯވާރޭ ވެހުން އެކަށީގެންވެއެވެ.
ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފެންބޮޑުވުމުގެ ނުރައްކަލުން ރައްކާތެރިވުމަށް 24 ގަޑިއިރު ހަރަކާތްތެރިވާ ކޮންޓްރޯލް ސެންޓަރެއް ގާއިމުކޮށްފައެވެ. ބައްދަލުވުން ބާއްވާ ސަރަހައްދާއި މަންދޫބުން ތިއްބަވާ ހޮޓާތަކުގެ ކައިރީގައި ފެންހިންދާ ބޮޑެތި ޕަންޕުތައް ވަނީ ބަހައްޓާފައެވެ.
މީގެއިތުރުން ސުވަރްނަބޫމީ އެއާޕޯޓުން ބޭންކޮކަށް ދާ މައި މަގުތަކުގައި ފެންބޮޑުނުވާނެ ގޮތަށް ކެނަލްތަކާއި ފެންހިންދާ ނިޒާމުތައް ވަނީ ތައްޔާރުކޮށްފައެވެ. ތައިލެންޑުގެ ފިނޭންސް މިނިސްޓްރީން ބުނީ ބައްދަލުވުންތަކަށް އެއްވެސް ބުރުލެއް ނާރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ނިމުނު ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ތައިލެންޑަށް ކުރި ވިއްސާރައިގައި ބޭންކޮކްގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އެ ވިއްސާރައިގައި ތައިލެންޑުގެ އެކި ސަރަހައްދުތަކުން 60 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ތައިލެންޑުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ކުރީގެ ވިއްސާރައިގައި ދިމާވި ފަދަ ދަތުރުފަތުރުގެ ދަތިތަކެއް މި ބައިނަލްއަގުވާމީ ބައްދަލުވުމުގެ ތެރޭގައި ދިމާ ނުވާނެ ގޮތް ހަމަޖެއްސުމަށެވެ. އެގޮތުން މަގުތަކުގައި ފެންބޮޑުވެއްޖެނަމަ މަންދޫބުން އުފުލުމަށް ހާއްސަ އުޅަނދުތައްވެސް ވަނީ ތައްޔާރުކޮށްފައެވެ.
ބެންކޮކް
ބެންކޮކް
ބެންކޮކް
ބެންކޮކް
ކޮމެންޓް