ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށެވެ.
މެޓް އޮފީހުން އެލާޓް ނެރެފައި ނުވަނީ ހަމައެކަނި ދެކުނުގެ ގއ އަތޮޅު، ގދ އަތޮޅު، ފުވައްމުލަކު އަދި އައްޑޫ ސިޓީއަށެވެ. އެހެން ހުރިހާ ރަށްތަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
ހއ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 3:30 ގެ ނިޔަލަށެވެ. އޭގެ ތެރެއިން ގިނަ ރަށްތަކަކަަށް ރޭ ވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން މިއަދު ބުނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ގުގުރައި އަދި ވިލަގާނޑުގައި ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
އެ ސަރަހައްދުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާ އިރު، މިއަދާއި މާދަމާ ވެސް ވިއްސާރަކޮށް، މަގުތަކުގައި ފެން ބޮޑުވެ އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
މޫސުމް
މޫސުމް
މޫސުމް
މޫސުމް