ޖުވާ ކުޅެގެން ހޯދާ ފައިސާއިން ދިރިއުޅުމަށް ހަރަދުކުރުމަކީ މީހާ ނަރަކަވަންތަވެރިވެދާނެ ކަމެއް ކަމަށާއި ޖުވާ ކުޅޭ މީހުންނަށް އޮތީ ތައުބާވުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

"ޖުވާއާއި އޭގެ އާމްދަނީ ހަރާމެވެ،" މި މައުލޫއަށް މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވާ އިރު، ޖުވާ ކުޅުން ވެގެން ގޮސްފައިވަނީ ރާއްޖޭގައި ވެސް މިހާރު ވަރަށް އާންމުވެފައިވާ ކަމަކަށެވެ. އެގޮތުން ދިވެހީންނަށް ހާއްސަ އެފަދަ އޮންލައިން ވެބްސައިޓުތަކެއް އާންމުކޮށް ގެންދަނީ އިޝްތިހާރު ވެސް ކުރަމުންނެވެ.

ހުތުބާގައި ބުނީ ޖުވާއަކީ، ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެއް ކަމަށާއި އެއީ އިސްލާމް ދީނުގައި ހަރާމް ކަމެއް ކަމަށެވެ. އަދި އާމްދަނީ ހޯދުމަށް ޓަކައި، އިސްލާމީ ޝަރީއަތް ހުއްދަކުރަނީ، ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް، ވަކި ފަރާތަކަށް ގެއްލުމެއް ނުލިބޭ، ހާމަކަން ބޮޑު ސާފު މުއާމަލާތުތައް ކަމަށް ހުތުބާގައި ބުންޏެވެ.

"ޖުވާ ކުޅެގެންނާއި، ދީނުގައި ހަރާމް ކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން ތިޔަބައިމީހުން އެއްކިބާވާށެވެ! އެހެނީ އެ ފައިސާ ދީފައި ގަންނަ ތަކެތި ކެއުމާއި، އެ ފަދަ ފައިސާއިން ހޯދާ ފޭރާން ލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތައުލީމާއި ސިއްހަތަށް ހަރަދުކުރުމަކީ، އޭގެ ސަބަބުން އެ މީހަކު ސުވަރުގެއިން މަހުރޫމު ވެ، ނަރަކަވަންތަވެރިވެދާނޭ ކަމެއްކަން ހަދީސުން ސަރީހަކޮށް އެނގެއެވެ." ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ޖުވާކުޅުމަކީ ދުނިޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެއް ކަމަށާއި ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހި ދަރަނިވެރިވެ، ބަނގުރޫޓުވާ ކަމަށެވެ. އަދި ބައެއްފަހަރު، މޮޅުވި މީހާ، އެކަމަށް ކުރި ހުރިހާ ހަރަދެއް ދޭން ޖެހޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ޖުވާގެ ކޮންމެ ކުޅިވަރަކީ، ނަތީޖާ ނުކުންނާނޭ ގޮތެއް ނޭނގޭ ކުޅިވަރެއް ކަމަށާއި ތިބާއަށް އެ ފީނައިގަނެވެނީ ފުންމިން ނޭނގޭ ކަނޑަކަށް ކަމަށެވެ. ޖުވާގެ ބާވަތްތައް ހަރާމްވީ، ނުހައްގުން މީސްތަކުންގެ މުދަލަށް އަރައިގަނެވި، ފައިދާވާ މީހާއަށް އެ ލިބެނީ ހަރާމް މުދަލެއްކަމުގައިވާތީ ކަމަށް ހުތުބާގައި ބުންޏެވެ

"ޖުވާގެ ބާޒާރަށް ވަދެ، ހަރާމް ގޮތުގައި ފައިސާ ހޯދުމަށްފަހު، މިކަމުން ސަލާމަތްވާން އެދޭ މީހުންނަށް އޮތީ ތައުބާވުމެވެ. އަލްމައުސޫއަތުލްފިގުހިއްޔާގައި ބުނެފައިވާ ގޮތުގައި، ޖުވާ ކުޅޭ މީހާ އެ ހޯދަނީ ހަރާމް ފައިސާއެވެ. އޭނާ އެކަމުން މިންޖުވާން އެދޭ ނަމަ އޮތް ގޮތަކީ އޭނާއަށް ނުހައްގުން އެ ފައިސާ ލިބުނީ ކޮން ބައެއްގެ އަތުންކަން އެނގޭ ނަމަ އެ ބަޔަކަށް އެ ފައިސާ ރައްދުކުރުމެވެ. އެގޮތަށް އެ ފައިސާ ރައްދުކުރެވޭނެ ގޮތެއް ނެތް ނަމަ އެ މީހުންގެ ނަމުގައި ފަގީރުންނަށް އެ ފައިސާ ދިނުމެވެ." ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ ޖުވާގެ ވަބާ ހުއްޓުވުމަކީ މިއަދު ކޮންމެހެން ވެސް ކުރާން ޖެހިފައިވާ ކަމެއް ކަމަށާއި އެކަމުގައި މައިންބަފައިންނާއި، މުދައްރިސުންނާއި، ގާނޫނު ހަދާ މުއައްސަސާތަކާއި، ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ދައުރު އަދާކުރުން ވަރަށް މުހިންމު ކަމަށެވެ.