އައިކޯނިކް އިވެންޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ ކައިޓް ސާފިންގެ އެންމެ ބޮޑު އެއް ހަރަކާތް، ރާރާ ޕްރޯ 2025 އިއްޔެ ކ. ދިއްފުށީގައި ރަސްމީކޮށް ފަށައިފިއެވެ.

އިއްޔެ ދިއްފުށީގައި ބޭއްވި އިވެންޓްގައި ރާއްޖޭގެ ކުޅިވަރުގެ މަގުބޫލު މޫނުތައް ފެނިގެން ގޮސްފައިވާ އިރު، އިވެންޓް ޝަރަފުވެރިކޮށްދެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޝިއުރީ އިބްރާހީމެވެ. އޭގެ އިތުރުން މުބާރާތުގެ ޕާޓްނަރުންނާއި އައިކޯނިކް އިވެންޓްގެ ޓީމުގެ ފަރާތުންވެސް އިއްޔެ އިވެންޓްގައި ބައިވެރިވެފައިވާ އިރު، އިވެންޓް ފެނިގެން ދިޔައީ ފޯރިގަދަކޮށެވެ.

އިއްޔެގެ އިވެންޓްގައި މުބާރާތުގެ ޗެމްޕިއަން ޓްރޮފީ ދައްކާލާފައިވެއެވެ. މުޖާސް އާޓްބޮކްސްއިން ފަރުމާކޮށް، ޑިޒައިން ކޮށްފައިވާ ޓްރޮފީގެ ހިތްގައިމުކަން އެތައް ބައެއްގެ ލޮލުގައި އަޅައިގަނެފައިވާ އިރު، އިވެންޓްގެ ފުރިހަމަކަން އެ ޓްރޮފީންވެސް ފެނިގެން ގޮސްފައިވެއެވެ.

10 ޖުލައި 2025، ކ. ދުއްފުށި، ރާރާ ޕްރޯ 2025 ގެ ޓްރޮފީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އިއްޔެގެ އިވެންޓްގައި ވާހަކަ ދައްކަވަމުން ޝިއުރީ ވިދާޅުވީ ރާރާ ޕްރޯ ފަދަ އިވެންޓްތަކަކީ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމަށް ހުޅުވިގެންދާނެ މުހިއްމު ދޮރެއް ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް އިވެންޓުން ފައިދާ ކުރާނެ ކަމަށެވެ.

މުބާރާތް އިންތިޒާމުކުރާ އައިކޯނިކް އިވެންޓްގެ ފަރާތުން، ފައުންޑާ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ ރާރާ ޕްރޯއަކީ ފެށުމެއް ކަމަށާއި، އިވެންޓް ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މުބާރާތުގެ އެކިއެކި ޕާޓްނަރުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

10 ޖުލައި 2025، ކ. ދުއްފުށި، ރާރާ ޕްރޯ 2025 އިވެންޓް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހަސަން ރަޝީދު (ރަޝް) --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ރާރާ ޕްރޯގެ އެންމެ ބޮޑު ފޯކަސްއަކީ ބައިނަލްއަގުވާމީ އޯޑިއަންސަކަށް ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ކައިޓްސާފިންގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖޭ އިޝްތިހާރު ކުރުމާއި، ސްޕޯޓްސް ޓޫރިޒަމަށް ފުރުސަތު ފަހިކުރުމެވެ. އޭގެ އިތުރުންވެސް ކައިޓްސާފިން އިތުރަށް ކުރިއަރުވައި، ލޯކަލް ޓޫރިޒަމަށް ކުރިއެރުންތައް ހޯދުންވެސް އެއީ އިވެންޓްގެ އެއް މަގުސަދެވެ.

އެތުލީޓް ބްރީފިން ރޭ ބޭއްވި، އެތުލީޓުން ތައްޔާރު

10 ޖުލައި 2025، ދިއްފުށި، ރާރާ ޕްރޯގައި ވާދަކުރާ ހަސަން މާހިރު (ހަންޓޭ) ކިޓާއެކު --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ރާރާ ޕްރޯއަކީ ކައިޓް ސާފިންގެ ތަފާތު ހަރަކާތެކެވެ. ރޭސް އަދި ފްރީ ސްޓައިލް ޑިވިޝަންވެސް އިވެންޓްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރާއްޖޭގެ އެންމެ ފުންނާބު އުސް ކައިޓް ސާފަރުން އިވެންޓްގައި ފެނިގެންދާނެއެވެ.

މުބާރާތުގައި ބައިވެރިވާ އެތުލީޓުންނާއި ހަރަކާތްތެރިވާ އޮފިޝަލުންނަށް ރޭ ޖާޒީ ހަވާލުކޮށްފައިވާ އިރު، ފަނޑިޔާރުން ވަނީ އެތުލީޓުންނަށް އިވެންޓްގެ ތަފާތު ކަންތައްތަކަށް އިރުޝާދު ދީފައެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ދިއްފުށީގައި އިވެންޓް ކުރިއަށްދާ އިރު، މިއަދު ކުޑަކުދީންގެ ހާއްސަ އިވެންޓްތަކެއްވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

ޖުމުލަ 20 އެތުލީޓުން ރާރާ ޕްރޯގައި ވާދަކުރާ އިރު، އެތުލީޓުން ތިބީ ފުރިހަމައަށް ތައްޔާރުވެފައެވެ.

ރާރާ ޕްރޯ 2025 ގެ މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް" އެވެ. "ވަން ސްޕޯޓްސް" އިން އަންނަނީ އިވެންޓް ކަވަރު ކުރުމަށް ހާއްސަ ކަވަރޭޖެއް ދިއްފުށިން ކުރިއަށް ގެންދަމުންނެވެ.