އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން، ދިވެހި މަސްކުންފުނި މިފްކޯ ބްލެކްލިސްޓު ކޮށްފައިވާ ވާހަކަ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ދޮގުކުރައްވައިފިއެވެ.

އެކްސްގައި މިއަދު ޝިޔާމް ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިމިވަނީ، ޗެނަލް 13ގެ ދަށުން ހިންގާ "ތޭރަ އޮންލައިން" އިން އެގޮތަށް ރިޕޯޓުކޮށްފައިވާތީއެވެ. ތޭރަ އޮންލައިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތާއި އީޔޫ އިން މިފްކޯ ބްލެކްލިސްޓުކޮށް ބޭންކޮށްފަައިވަނީ އޮޑިޓަކުން ފެއިލްވެެގެންނެވެ. ނަމަވެސް އެކަން އެ ނޫހަށް ކަށަވަރުވި ގޮތެއް ހާމަކޮށްފައެއް ނުވެއެވެ.

"މިއީ ކަނޑައެޅިގެން ދޮގެއް. އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ވާހަކަ ދަންނަވަން،" އެކަން ދޮގުކުރައްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އަންނަ ހަފުތާގައިވެސް އިނގިރޭސިވިލާތުގެ ވަރުގަދަ ވިޔަފާރިވެރި ކުންފުންޏަކުން މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް، އަންނަ ހަފުތާގައި ރާއްޖެ ޒިޔާރަތްކުރާނެ ކަމަށެވެ.

މަސްވެރިކަމަކީ ދިވެހީންގެ ލޭނާރުކަމަށްވެފައި، އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާކުރަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު އެފަދަ ސިނާއަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ގައުމަށް ނިކަމެތިކަން އަންނާނެ ފަދަ ގޮތްގޮތަށް، ރެޖިސްޓާކޮށްގެން ހިންގާ ނޫސް އެޖެންސީއަކުން ހަގީގަތާ ހިލާފު އެފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.