ހަފުތާ ބަންދު ދެ ދުވަހުވެސް މާލެ ސަރަހައްދާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު "ވަން" އަށް ބުނީ ކުރިއަށް އޮތް ދެތިން ދުވަހަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، މާލެ ސަރަހައްދުގައި ވިއްސާރައާ ގުޅިގެން ފެން ބޮޑުވެ އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

"ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވޭ. ހުކުރާއި ހޮނިހިރު އެއްކޮށް. ވައިގެ އެވަރެޖު ސްޕީޑު އުޅޭނީ، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދޭތެރޭގައި އަދި އެހެން ސަރަހައްދުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ބާރު މިނުގައި. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެދާނެ. ވިއްސަރާކޮށް ދައްކަނީ، ތަންކޮޅެއް ބޯކޮށްވެސް ވާރޭ ވެހިދާނެ،" މެޓް އޮފީހުން ބުންޏެވެ.

މާދަމާގެ 6:00 އާ ހިސާބަށް މުސުން ލަފާކޮށް މެޓް އޮފީހުން ބުނީ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މެދު ރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ލަފާކުރާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން އިތުރަށް ބުނީ މޫސުން ގޯސްވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.