ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފުގެ މައްޗަށް 895،0000 ރުފިޔާގެ ދަރަންޏެއް ސާބިތުވާތީ، އެ ފައިސާ ދައްކަން ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ހުކުމްކޮށްފިއެވެ.
މާފަންނުގައި ހުންނަ ވެސްޓް އެންޑް ލައުންޖު ގޯތީގެ އިމާރާތުގެ ތިންވަނަ ފްލޯގައި ހަދާފައިވާ ކެފޭއެއް ކުއްޔަށް ދިނުމަށް ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑުން ވަނީ ނަބީހުއާއި އިތުރު ފަރާތަކާއެކު އެއްބަސްވުމެއް ހަދައިފައެވެ.
ނަމަވެސް ނަބީހުއާއި ދެން ހުރި ފަރާތުން އެއްބަސްވުމާ އެއްގޮތަށް ކުލި ދައްކަމުން ނުދާތީ ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑުން ވަނީ ކުލީގެ ގޮތުގައި 880،000 ރުފިޔާ، ޝަރީއަތަށް ދިޔަ ހަރަދު 15،000 ހިމެނޭހެން ޖުމުލަ 895،000 ރުފިޔާ، އެ ނަގައިދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
އެ ދައުވާއާ ގުޅިގެން ދިފާއު ހުށަހަޅަން ބޭނުންވާކަން ނަބީހުއާއި ދެންހުރި ފަރާތުން ފާހަގަކުރި ނަމަވެސް އެއްވެސް ދިފާއެއް ހުށަހަޅައިފައިނުވެއެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުވާއަށް ދިފާއެއް ހުށަހަޅައިފައިނުވާ ނަަމަ، ދައުވާ ލިބޭ މީހުންގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމައިދިނުމަށް ދައުވާކުރާ ފަރާތަށް އެދެވިދާނެއެވެ.
އެހެންވެ ދައުވާކުރާ ޑީ ބްލޫ ޕްރައިވެޓްގެ ފަރާތުން ވަނީ ނަބީހުއާއި ދެން ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމައިދިނުމަށް އެދިފައެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ވަނީ ޑީ ބްލޫ ޕްރައިވެޓުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން ކުލީގެ ގޮތުގައި އެ ފަރާތަށް 880،000 ރުފިޔާ، ނަބީހުއާއި ދެންހުރި ފަރާތުން ދައްކަންޖެހޭކަން ސާބިތުވާ ކަމަށެވެ.
އަދި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ޑީ ބްލޫ ޕްރައިވެޓުން ހަރަދުކުރި 15،000 ރުފިޔާވެސް ނަބީހުއާއި ދެން ދަައުވާ ލިބޭ ފަރާތުން ދައްކަންޖެހޭނެ ކަމަށެވެ.
އެ ފައިސާ 14 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަންވާނެކަމަށް ހުކުމުގައި ބުންޏެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް