ކުރިއަށް އޮތް ވޯލްޑް ކަލިނަރީ އެވޯޑްސް 2025 ގެ ޝަރަފުވެރި ތިން އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ އެވެ.
ރާއްޖެ ނޮމިނޭޓްވެފައިވަނީ، ވޯލްޑްސް ބެސްޓް ޑެސްޓިނޭޝަން ފޯ ހެރިޓޭޖް ކުއިޒިން 2025، އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން 2025 ގެ އިތުރުން އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން 2025 އެވޯޑަށެވެ.
ވޯލްޑް ކަލިނަރީ އެވޯޑަކީ ކެއްކުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އަދި ޝަރަފުވެރިކޮށްދޭ ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑު ކަލިނަރީ އެވޯޑްސް އެވެ.
އެ އެވޯޑްގައި، އެވޯޑް ލިބޭ ގައުމުތައް ކަނޑައަޅަނީ، ދާއިރާގެ ތަޖުރިބާކާރުންނާއި އާންމުންގެ ވޯޓުންނެވެ. އެކަމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ވޯޓުލުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ 15ގެ ނިޔަލެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކަލިނަރީ އެވޯޑްސްގެ ތިން އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވުމަކީ، ރާއްޖޭގެ ކެއިންބުއިމުގެ ސަގާފަތާއި ތާރީހަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްް ކަމަށެވެ. އަދި އެއީ މުޅި ދުނިޔެއަށް ދިވެހި ކެއިންބުއިމުގެ މޮޅުކަން ދައްކުވައިދޭނެ ރަނގަޅު ފުރުސަތެެއް ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ކަލިނަރީ އެވޯޑްސްގެ ތިން އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވުމަކީ، ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެ އިތުރަށް އިޝްޔތިހާރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށެވެ.
އަލީ ޔާމިން
އެމެރިކާ
ހޮލީވުޑް
އިނގިރޭސިވިލާތް