ސިޔާސީ މަސައްކަތުން އުފަލެއް ނުލިބޭ ކަމަށް ކަންގަނާ ރަނައުތު ބުނެފިއެވެ.

ކަންގަނާ ރަނައުތު 2024 ވަނަ އަހަރު ސިޔާސީ ދާއިރާއަށް ނިކުމެ، ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާއަށް ބީޖޭޕީ ޓިކެޓުގައި ވާދަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކާމިޔާބު ކުރިއެވެ.

ޔޫޓިއުބް ޗެނަލް "އާތްމަން އިން ރަވީ" (AIR) ގައި ވާހަކަ ދައްކަމުން ކަންގަނާ ބުނީ، ސިޔާސީ މަސައްކަތަށް ވަނީ ހުށަހެޅުމެއް ލިބުމުން ކަމަށެވެ. އޭނާއަށް ސިޔާސީ މަސައްކަތަކީ "ސޯޝަލް ސަރވިސް" (އާންމުންނަށް ޚިދުމަތް ކުރުން) ކަމަށާއި، އެއީ އޭނާގެ ބެކްގްރައުންޑެއް ނޫން ކަމަށް ބުނެފައިވެއެވެ. އޭނާ ބުނީ ރައްޔިތުން އޭނާގެ ގާތަށް ދަނީ "ޕަންޗާޔަތު ފެންވަރުގެ މައްސަލަތައް" ކަމަށްވާ ހަލާކުވެފައިވާ ފާޚާނާ ނުވަތަ މަގު ހެދުމުގެ މައްސަލަތަކައިގެން ކަމަށެވެ. އެއީ ސްޓޭޓް ސަރުކާރުގެ މައްސަލަތައް ކަމަށާއި ނަމަވެސް ރައްޔިތުންގެ ވިސްނުން ހުންނަނީ އެފަދަ ކަންކަމުގައިވެސް އޭނާގެ އަމިއްލަ ފައިސާ ބޭނުންކުރާން ކަމަށް ކަންގަނާ ބުނެފައިވެއެވެ.

ބޮޑުވަޒީރުކަމަށް ޝައުގުވެރިކަމެއް ނެތް ކަމަށާއި، އެ މަގާމަށް އޭނާ ގާބިލު ނޫން ކަމަށް ދެކޭ ކަމަށް ވެސް ކަންގަނާ ބުނެފައިވެއެވެ.

ކަންގަނާ، މަންޑީ ދާއިރާގައި 74,755 ވޯޓުގެ ތަފާތަކުން ކޮންގްރެސްގެ ވިކްރަމާދިތިޔާ ސިންގް ބަލިކުރިއެވެ. ކާމިޔާބީއަށް ފަހު ޗާންދީގަޅު އެއާޕޯޓުގައި ސީއައިއެސްއެފް އޮފިސަރަކު އޭނާގެ މޫނުގައި ޖެހި ހާދިސާއެއް ވެސް ހިނގާފައިވެއެވެ.

ފިލްމީ ދާއިރާއަށް ބަލާއިރު، ކަންގަނާ އެންމެ ފަހުން ފެނުނީ ފިލްމު 'އިމަޖެންސީ' އިންނެވެ.