ލިވަޕޫލަށް ކުޅެމުން އަންނަ އުމުރުން 28 އަހަރުގެ ޕޯޗުގަލް ފޯވަޑް ޑިއޭގޯ ޖޮޓާއާއި އޭނާގެ ކޮއްކޮ މަރުވި އެކްސިޑެންޓްގައި ދުއްވާފައި ދިޔަ ލަމްބޯގިނީ ކާރު، އެކްސިޑެންޓްވި ވަގުތު ދުއްވާފައި ވަނީ އޯވާ ސްޕީޑުގައި ކަމަށް ފުލުހުންގެ ރިޕޯޓުން ބުނެފިއެވެ.
ޖޮޓާ މަރުވެފައި ވަނީ ސްޕެއިންގެ ޒަމޯރާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ. އެކްސިޑެންޓް ހިނގާފައި ވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. ކާރުގައި ތިބީ ޖޮޓާއާއި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާ އެވެ. ދެމީހުންވެސް މަރުވެފައި ވަނީ ކާރު ކޮންޓްރޯލް ނުވެގެން ގޮސް، އަލިފާން ހިފުމުގެ ސަބަބުން ކަމަށް ނޫސްތައް ބުނެއެވެ.
ފުލުހުން ބުނީ ޖޮޓާގެ ލަމްބޯގިނީ ދުއްވާފައި ދިޔައީ އާދަޔާ ހިލާފު ބާރު ސްޕީޑެއްގައި ކަމަށާއި، ކާރު އެކްސިޑެންޓް ވާން މެދުވެރިވި ސަބަބަކީ އެއީކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުން ކާރުގެ ފުރޮޅެއް ކުއްލިއަކަށް ފަޅައިގެން ދިޔަ ކަމަށްވެސް ފުލުހުން ވަނީ ރިޕޯޓުގައި ބުނެފައެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން އެހެން ބުނެފައިވުމާއެކު، މަގުގައި ހުރި ޓަޔަރުގެ ނިޝާންތަކުގެ ތަހުގީގު ފުލުހުންގެ ފޮރެންސިކް ޓީމުތަކުން ކުރަމުން އަންނަ ކަމަށްވެސް ފުލުހުންގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ފުލުހުން ތައްޔާރުކުރަމުން އަންނަ ރިޕޯޓު އަދި އެއްކޮށް ނިމިފައި ނުވާ އިރު، އެ ރިޕޯޓު އާއްމުންނާ ހަމަޔަށް ތިލަވެގެންދާނީ ކޯޓަށް ހުށަހަޅައި، މައްސަލަ ބަލައި ނިމުމުންނެވެ.
ޕޯޗުގަލް ގައުމީ ޓީމަށް ވެސް މުހިއްމު ރޯލެއް އަދާކުރި ޖޮޓާ، ވުލްވްސްއިން ލިވަޕޫލަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އެ ކްލަބަށް އޭނާ ވަނީ 123 މެޗު ކުޅެފައެވެ. އެ މެޗުތަކުގައި 47 ގޯލު ޖެހި ޖޮޓާ، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ތަށިވެސް އެ ކްލަބާއެކު އުފުލައިލިއެވެ.
ޖޮޓާ އެކްސިޑެންޓްވީ ޗުއްޓީއަށްފަހު އެނބުރި އިނގިރޭސިވިލާތަށް ދިއުމުގެ މަރުހަލާގައި އުޅެނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖޮޓާގެ މަރާއެކު މުޅި ފުޓުބޯޅަ އާއިލާއިން ވަނީ އާއިލާށް ތައުޒިއާ ކިޔައިފައެވެ.
މުޙައްމަދު ޝަމްޢޫން
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް