އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގެ އެކިއެކި ކަންތައްތަކުގައި ޗެލްސީ ކޯޗު އެންޒޯ މަރެސްކާ ކުރަމުން އައި ޝަކުވާތައް ތަކުރާރުކޮށް، ސެމީ ފައިނަލް މެޗުގައި ފެވަރިޓަކީ އެ ޓީމު ނޫން ކަމަށް ބުނެފިއެވެ.

ޗެލްސީން ކްލަބު ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ދެކުނު އެމެރިކާގެ ބްރެޒިލްގެ ފްލުމިނެންސޭއާ ދެކޮޅަށް މިރޭ ނުކުންނަ އިރު، ފްލުމިނެންސޭއަކީ ޔޫރަޕުން ބޭރުން ސެމީއަށް ދަތުރުކުރި ހަމައެކަނި ކްލަބެވެ.

ކްލަބު ވޯލްޑް ކަޕުގެ ފެށުމާއެކުވެސް މަރެސްކާ ވަނީ މުބާރާތުގެ ޝެޑިއުލަށާއި އެމެރިކާގެ މޫސުމުގެ އިތުރުން އިންތިޒާމުކުރުމުގެ އެހެން ބައެއް ކަންތައްތަކަށް ފާޑު ކިޔައިފައެވެ. އަދި ހާއްސަކޮށް ޗެލްސީން ބެންފިކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މޫސުން ގޯސްވެ، ދެގަޑިއިރުގެ ބްރޭކެއް ނަގަން ޖެހުމުން އެކަމަށް މަރެސްކާ ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

އޭގެ އިތުރުން ސެމީ މެޗުގެ ކުރިން އޭނާ ވަނީ މުބާރާތުގެ ތާރީހަށްވެސް ފާޑު ކިޔަފައިފައެވެ. މަރެސްކާ ބުނީ ދެކުނު އެމެރިކާ ޓީމުތަކަށް މިއީ ސީޒަނުގެ މެދުތެރެ ކަމަށްވުމާއެކު އެޓީމުތަކަށް ފައިދާ ބޮޑު ކަމަށާއި، ޔޫރަޕްގެ ޓީމުތައް މުބާރާތަށް ނުކުންނަނީ ސީޒަން ނިމި، ވަރުބަލިވެފައި ތިބެގެން ކަމަށެވެ.

"އަހަރެމެންނަށް މި މުބާރާތް މުހިއްމު ނުވަނީކީ ނޫން. އެކަމަކު ގަބޫލުކުރަން ޖެހޭ ޓީމުތައް މުބާރާތަށް މި ނުކުންނަނީ ތަފާތު ހާލަތްތަކެއްގައި އޮވެގެން. އެގޮތުން ދެކުނު އެމެރިކާގެ ޓީމުތައް މި ނުކުންނަނީ ސީޒަނުގެ މެދުތެރެއިން ރަނގަޅު ޕީކް ފިޓްނަސްގައި. އަހަރެމެން މި ނުކުންނަނީ 63 މެޗުގެ ސީޒަނެއް ނިންމާފައި އައިސް،" މަރެސްކާ ބުންޏެވެ.

މަރެސްކާ ބުނީ މުބާރާތް ބޭއްވުން ގޯސް ނޫން ނަމަވެސް، އިންތިޒާމުތަކުގައި އިތުރަށް ވިސްނަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ. އެގޮތުން އެމެރިކާގެ ހޫނު ގަދަކަމަށް ވިސްނާ، މެޗުތައް ޝެޑިއުލްކުރާ ވަގުތުތައް ބަދަލުކުރަން ޖެހޭ ކަމަށް ފާހަގަކުރިއެވެ. މަރެސްކާ ބުނީ މިހާރު އޮތް ހާލަތުން ސެމީއަށް ފެވަރިޓުންނަކީ ޗެލްސީ ނޫން ކަމަށާއި، ފައިދާ އޮތީ ފްލުމިނެންސޭއަށް ކަމަށެވެ.