ބަޔާން މިއުނިކްގެ ޖަރުމަނު މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ކުޑަ ހުޅަށް ލިބުނު އަނިޔާގައި ކުރި ސާޖަރީ ކާމިޔާބު ކަމަށާއި ރިކަވަރީއަށް ހޭދަވާނެ ސީދާ ވަގުތު އަދި ނޭނގޭ ކަމަށް ކްލަބުން ބުނެފިއެވެ.
އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ބަޔާނުން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މުސިއާލާއަށް ވަނީ ބޮޑު އަނިޔާއެއްވެފައެވެ. ޕީއެސްޖީގެ އިޓަލީ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ބޯޅަ ހޯދަން ކުރި މަސައްކަތުގައި މުސިއާލާ ގައިގައި ޖެހި އޭނާ ވެއްޓުމުގެ ތެރޭގައި ކުޑަ ހުޅުން ބިންދައިގެން ދިޔައެވެ.
ބަޔާނުން ބުނީ އުމުރުން 22 އަހަރުގެ މުސިއާލާ ފައިގެ ކުޑަ ހުޅު ނައްޓާލުމުގެ އިތުރުން ފިބިއުލާ ބިންދައިގެން ގޮސްފައިވާ ކަމަށެވެ.
އިއްޔެ ކްލަބުން ނެރުނު ބަޔާނުގައި ބުނީ މުސިއާލާގެ ރިކަވަރީ މިއަދު ފަށާނެ ކަމަށާއި، އެކަމުގައި ހޭދަވާނެ ސީދާ ދުވަހެއް ބުނަން އަދި އުނދަގޫ ކަމަށެވެ. ޔަގީނުންވެސް ގިނަ މަސްތަކެއް ވަންދެން މުސިއާލާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށްވެސް ބަޔާނުން ބުނެފައިވެއެވެ.
މުސިއާލާއަކީ ޖަރުމަނުގެ އިތުރުން ބަޔާނަށްވެސް މުހިއްމު މިޑްފީލްޑަރެކެވެ. މިދިޔަ ސީޒަނުގައިވެސް އޭނާ ވަނީ އެ ކްލަބަށް 25 މެޗު ކުޅެ، 12 ގޯލު ޖަހައި ދެ އެސިސްޓް ފުރިހަމަ ކޮށްފައެވެ.
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް
ބަޔާން މިއުނިކް