އަފާމީއަށް 1.6 މިލިއަން ރުފިޔާ ދޭން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މައްޗަށް ކުރި ހުކުމް މަޑުޖައްސާލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މިއީ ތ. މަޑިފުށީ ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

އެލްޖީއޭ އިން، މަޑިފުށީ ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތް އަފާމީ މޯލްޑިވްސްއާ ހަވާލުކުރީ 22 ނޮވެމްބަރު 2019 ގައެއް.

ނަމަވެސް ބިމުގެ މައްސަލައިގައި އެ ރަށު ރައްޔިތުންގެ ބަޔަކު ނުކުމެ ދެ ފަހަރެއްގެ މަތިން މަސައްކަތް ހުއްޓުވުމާ ގުޅިގެން އެލްޖީއޭއިން އަންގައިގެން 14 ޑިސެމްބަރު 2019 ގައި އަފާމީ މޯލްޑިވްސްއިން ވަގުތީގޮތުން މަސައްްކަތް ހުއްޓާލިއެވެ.

ނަމަވެސް އެގޮތަށް މަސައްކަތް ހުއްޓާލާފައި އޮންނަން ޖެހުމުން ލިބެމުންދާ ގެއްލުންތަކަށް ބަދަލުދޭން އެދުމާއެކު، މަސައްކަތް ކުރެވޭނެގޮތެއް ހަދައިދިނުމަށް އެދި އަފާމީގެ ފަރާތުން 26 ޖެނުއަރީ 2020 ގައި އެލްޖީއޭއަށް ހުށަހެޅިއެވެ.

އެކަމާ ގުޅިގެން ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތަށް އެހެން ބިމެއް ހަމަޖައްސާފައިވާ ކަމަށާއި، މަސައްކަތް ފެށުމަށް 10 އޭޕްރީލް 2020ގައި އެލްޖީއޭއިން އަފާމީއަށް އެންގިއެެވެ. ނަމަވެސް އާ ބިމުގައި މަސައްކަތް ފެށޭނީ ގެއްލުމުގެ ބަދަލު ދިނުމުންކަމަށް އަފާމީން އެލްޖީއޭއަށް އެންގިއެވެ. އަދި އަލަށް ހަމަޖެއްސި ބިމަކީ ރަށު ކައުންސިލާއި ރަށު ރައްޔިތުންނާ މަޝްވަރާކޮށްގެން ހަމަޖެއްްސި ބިމެއް ނޫން ކަމަށްބުނެ، އެލްޖީއޭއާއެކު މަޝްވަރާކުރަމުންދާ ކަމަށް ރަށު ކައުންސިލުން އަފާމީއަށް އެންގިއެވެ.

އެ މައްސަލައިގައި، އަފާމީން އެދުނު ގެއްލުމުގެ ބަދަލު ދިނުމަށް އެލްޖީއޭއިން ދެކޮޅު ހެދުމުން، 21 ޖެނުއަރީ 2021 ގައި އަފާމީން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލައިގައި އަފާމީން އެދިފައިވަނީ، މަސައްކަތް ހުއްޓުވާފައިވުމާއި، ރައްޔިތުންގެ ބަޔަކު ނުކުމެ ދެ ފަހަރެއްގެމަތިން މަސައްކަތް ހުއްޓުވުމުގައި ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެ މައްސަލައިގައި 31 މެއި 2022 ގައި އެލްޖީއޭގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ 30 ދުވަހުގެ ތެރޭގައި އަފާމީއަށް 1.6 މިލިއަން ރުފިޔާ ދެއްކުމަށެވެ.

އެ ހުކުމް ބާތިލުކޮށްދިނުމަށް އެދި އެލްޖީއޭއިން ހައި ކޯޓުގައި އިސްތިއުނާފުކުރިއެެވެ. ނަމަވެސް 17 ނޮވެމްބަރު 2024 ގައި ހައިކޯޓުން ހުކުމްކުރީ އެ ހުކުމް ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއްް ނެތް ކަމަށެވެ.

މިހާރު އެ މައްސަލަ އޮތީ އެލްޖީއޭ އިން ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފައެވެ. މި މައްސަލައިގައި ވަގުތީއަމުރެއް ނެރެދިނުމަށް އެދުނީވެސް އެލްޖީއޭ އިންނެވެ.