މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ އިމާމުންނަށް ލިބިފައިވާކަން މޮރޮކޯ ސަރުކާރުން ރަސްމީކޮށް އަންގައިފިއެވެ.
އިސްލާމިކް މިިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ އިމާމުންނަށް ފަހިވެގެން ދިޔައީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ރަސްގެފާން މުހައްމަދު ހަވަނަ އަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށެވެ.
"މިކަން މިގޮތަށް ފަހިވެގެންދިޔައީ އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން އެ ގައުމުގައި ގާއިމުކޮށްފައިވާ ހާއްސަ އިންސްޓިއުޓަކީ ރަސްގެފާނުގެ ހާއްސަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއް. އެތަނުގައި ކިޔަވާ ފަރާތްތަކަށް އެކޮމޮޑޭޝަންގެ އިތުރުން ޕޮކެޓްމަނީ ވެސް ދެއްވާ،" ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އިމާމުން ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށާއި އެ އެއްބަސްވުން މިހާރުވަނީ މިނިސްޓްރީއަށް ލިބިފައި ކަމަށެވެ.
އެ މިނިސްޓްރީން އަމާޒު ހިފާފައިވަނީ މި ފަސް އަހަރު ތެރޭ 500 އެއްހާ ހާފިޒުން ބިނާކުރުމަށް ކަމަށާއި އެކަމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް މިމަހުން ފެށިގެން ދެގުނައަށް ބޮޑުކުރަން ވަޒީރުންގެ މަޖިލީހުން ވަނީ މިދިޔަ މަހުގެ 24 ގައި ނިންމައިފައެވެ. ހާފިޒުންނަށް ސަރުކާރުން ކުރިން މަހެއްގެ މައްޗަށް ދެމުންދިޔައީ 2،000 ރުފިޔާގެ އެލަވަންސެކެވެ.
ރައީސް ވިދާޅުވެފައިވަނީ، ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ