ގދ. ތިނަދޫގައި މިއަދު ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް، ޖެޓީގައި ޖެހި ހިނގި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ތިނަދޫ ސިޓީ، ފެރީ ޓާމިނަލް ޖެޓީއަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް، ޖެޓީގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 1:50 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ލޯންޗުގައި ކެޕްޓަނާއި ފަޅުވެރިއެއްގެ އިތުރުން ތިން އަންހެނުންނާއި އެއް އަހަރުގެ ތުއްތު ކުއްޖަކު ހިމެނޭހެން ހަ މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން އުމުރުން 25 އަދި 28 އަހަރުގެ ދެ އަންހެން ފަސިންޖަރުންނަށް އަނިޔާވެފައިވެއެވެ. އަދި އުމުރުން 50 އަހަރުގެ ކެޕްޓަނާއި އުމުރުން 29 އަހަރުގެ ފަޅުވެރިޔާއަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުންް ބުންޏެވެ.

އެ ހަތަރު މީހުންނަށް ވެސް މިހާރު ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ މިހާރު ތަހުގީގުކުރަމުންނެވެ.