މަގާމުން ވަކިވުމަށްފަހު ވެސް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ސިއްރު ހިފަހައްޓަން ޖެހޭގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އާންމުކޮށް ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހު 17 ގެ ނިޔަަލަށް އާންމުކޮށް ހުޅުވާލަން ހުށަހެޅުއްވީ ހުރާ ދާއިރާގެ ޕީއެންސީ މެންބަރު އަނާރާ ނައީމެވެ. ތާއީދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދެވެ. އަދި މިމަހުގެ 31ގެ ނިޔަލަށް މުޅި ބިލު ކޮމިޓީން ނިންމުމަށްވެސް އަނާރާ ހުށަހެޅުއްވިއެވެ. ކޮމިޓީން އެގޮތަށް ފާސްކޮށްފައިވާތީ އެ ބިލަށް ހުށަހަޅަން ބޭނުންްވާ ހިޔާލުތައް މަޖިލިސް އިދާރާއަށް ފޮނުވުމާއި، ކޮމިޓީއަށް މެއިލް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ މިދިޔަ ޖޫން މަހުގެ 31 ގައެވެ.
ބިލު ހުށަހަޅުއްވާ ބޭނުމެއްގެ ގޮތުގައި ފަޒާދު ވިދާޅުވެފައިވަނީ، ގާނޫނުގައި ބަޔާންކުރާ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްތުތައް މުރާޖައާކުރުމަށާއި، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމަށް، އަދި އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމަށްޓަކައި ކަމަށެވެ.
ބިލުގައި އިސްލާހުގެ ގޮތުގައި ބޮޑަށް ހިމަނާފައިވަނީ ބައެއް މާއްދާތައް އިތުރަށް ތަފްސީލުކުރުމަށެވެ. ބިލުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންނާ ގުޅޭ މާއްދާއެއް އިތުރުކުރުމަށް ހުށަހަޅާ އިސްލާހެވެ.
އެ މާއްދާގައި ބުނެފައިވަނީ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ، ބަންޑާރަނައިބު ދޭ އިރުޝާދުގެ ދަށުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އަދި ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށް އިސްކަންދީގެން ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ މަސްލަހަތުގެ ފުށުއެރުމުން އެއްކިބާވާންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ވަކީލުން ހިފަހައްޓަންޖެހޭ އަސާސީ ސުލޫކީ ހަމަތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އެއީ؛
- އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެހުރެ މުސްތަގިއްލުކަމާއެކު ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތައް ކުރުމާއި، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންގެ ހައިސިއްޔަތުން ނިންމަންޖެހޭ ނިންމުންތައް ނިންމުން
- ހަމަހަމަކަމާއި ހާމަކަމާއި އަދި ޖަވާބުދާރީވުމުގެ މައްޗަށް މަސައްކަތުގެ އަސާސް ބިނާކުރުން
- އެއްވެސް މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ، ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެ މީހެއްގެ ސިޔާސީ، ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް، ނުވަތަ އުފަންރަށަށް، ނުވަތަ ވާހަކަދައްކާ ބަހަށާއި އިޖުތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި ތަފާތުނުކުރުން
- މަގާމުގެ ހައިސިއްޔަތުން އެމީހަކަށް ލިބިފައިވާ މައުލޫމާތެއް އެމީހެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ގޮތަކަށް ހާމަނުކުރުން
- މަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައިވެސް، އެމީހެއްގެ މަގާމު އަދާކުރުމުގައި އެމީހަކަށް ލިބިފައިވާ މައުލޫމާތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތަކާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން
- މަސައްކަތުގެ ވަގުތުގައާއި، ބަންޑާރަަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންގެ ހައިސިއްޔަތުން ކުރާ ހުރިހާ ކަމެއްގައިވެސް، މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި އަހުލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން
ބިލުގައި ބުނެފައިވަނީ އެ އަސާސީ ހަމަތަކުގެ އިތުރުން، ދައުލަތް ތަމްސީލުކުރުމުގެ ގޮތުން ބަންޑާނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އަދާކުރަންޖެހޭ ޒިންމާތަކާ ގުޅިގެން އެމީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ޖަވާބުދާރީވުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، އެ ގާނޫނުގެ ދަށުން ބަންޑާރަނައިބު ކަނޑައަޅަންވާނެ ކަމަށެވެ.
އެ ބިލުގައި އިތުރަށް ފާހަގަވާ ކަންތައްތަކަށް ބަލައިލާ އިރު، ދެން ފާހަަގަކޮށްލެވެނީ ގާނޫނުން އެއް މާއްދާއެއްގެ އަކުރެއް އުނިކުރުމާއި އިތުރު މާއްދާއެއް އެއްކޮށް އުނިކުރުމަށް ހުށަހެޅި އިސްލާހެވެ. އޭގެ ތެރެއިން އެއް މާއްދާއަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ހިމެނޭ މާއްދާގެ (ފ) އުނިކުރުމެވެ. އެއީ ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދުގައި އުފެދޭ ހުޞޫމާތްތަކަށް ގާނޫނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޞޫމާތް އުފެދިފައިވާ މައްސަލައާ މެދު ގާނޫނީގޮތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ބުނާ އަކުރެވެ.
އެއްކޮށް އުނިކުރަން ހުށަހަޅާފައިވަނީ އެ ގާނޫނުގެ 26 ވަނަ މާއްދާއެވެ. އެއީ ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭ މާއްދާއެވެ. އެ މާއްދާގައި މިހާރު އޮންނަގޮތުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފަކު އުމުރުން 65 އަހަރުވުމުން ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔާމަންޓް ގަވާއިދުގައި ބަޔާންކުރާ ހިދުމަތުން މުސްކުޅިކުރުމުގެ އިނާޔަތާއެކު ވަޒީފާއިން މުސްކުޅިކުރެވޭނެއެވެ.
އޭގެ އިތުރުން 55 އަހަރުވުމުން އަމިއްލައަށް ހިދުމަތުން މުސްކުޅިކުރެވިދާނެ ކަމަށާއި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރާ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތާއެކު ވަޒީފާއިން މުސްކުޅިކުރެވިދާނެ ކަމަށް ވެސް މިހާރު ގާނޫނުގައި އޮންނަ އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ދާދިފަހުން ވެސް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް ވަނީ އިސްލާހެއް ގެނެސްފައެވެ. އެއީ ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ ހިދުމަތަކީ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ކަނޑައަަޅައި ގެނައި އިސްލާހެވެ.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު