އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަނެތި އެތެރެކުރެވޭނީ ހަމައެކަނި ދެ ފުރޮޅުލީ އުޅަނދުތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު ހަވަނަ އިސްލާހުގެ ދަށުން، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެކުރެވޭނީ، އެ މިނިސްޓްރީން ދޫކުރާ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށްފަހު ކަމަށެވެ.
އެފަދަ އުޅަނދުތައް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންވާނީ eportal.mta.gov.mv މެދުވެރިކޮށްކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިނިސްޓްރީގެ ކައުންޓަރުންވެސް އެ ހުއްދައަށް އެދޭ ފޯމު ލިބެން ހުންނާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އާދިއްތަ ދުވަހުގެ ފަހުން އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ އިރު، އެ އުޅަނދު ރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަންޖެހޭނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު" އިސްލާހުކޮށް އާންމުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހުގައެވެ. އެ އިސްލާހުގައިވާ ގޮތުން އެ ގަވާއިދުގެ ދަށުން ރަޖިސްޓަރީކުރާ އެއްގަމު އުޅަނދުގެ ތެރެއިން ދެފުރޮޅުލީ އެއްގަމުއުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ މިނިސްޓްރީން ނަގަންވާނެ ކަމަށެވެ.
އަދި ހުއްދަ ނަގަން ހުށަހަޅާ އިރު، ބޭނުންވާނެ ލިޔެކިޔުންތައް ގަވާއިދުގައި ވަނީ ސާފުކޮށްދީފައެވެ.
- ފުރިހަމަކޮށްފައިވާ ފޯމު (މިނިސްޓްރީން އާންމުކުރާ، އެއްގަމު އުޅަނދު ރާއްޖެއެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމު)
- އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީ
- އުޅަނދު އެތެރެކުރާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް
މުޅިން އާ ނުވަތަ ރަޖިސްޓަރީ ކުރުމަކާނުލައި ބޭނުންކޮށްފައިވާ ހެވީ ވެހިކަލް ކެޓަގަރީގެ އުޅަނދެއް ނަމަ މެނިފެކްޗާ ސެޓްފިކެޓުގެ ނުވަތަ އިންވޮއިސްގެ ކޮޕީ އަދި އެކްސްޕޯޓް ސެޓްފިކެޓް އަދި ބޭނުންކޮށްފައިވާ ޑ-ީރެޖިސްޓާޑް އުޅަނދެއް ނަމަ، ޑ-ީރެޖިސްޓްރޭޝަން ސެޓްފިކެޓު އަދި އެކްސްޕޯޓް ސެޓްފިކެޓް ހުށަހަޅަންވާނެ ކަމަށް ގަވާއިދުގައިވެއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އުޅަނދު ބާއްވާ ތަނަކީ، އުޅަނދު ބޭއްވުމަށް ކަމާބެހޭ އިދާރާއިން ހުއްދަދީފައިވާ ގަރާޖަކަށް، ޝޯރޫމަކަށް ނުވަތަ ގުދަނަކަށް ވާންވާނެ ކަމަށާއި އެ ތަންތަނުގައި އުޅަނދު ބާއްވާނެ ޖާގަ އޮތްކަން ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަށަވަރު ކުރަންވާނެއެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކޮށްދެވޭނީ، އެ އުޅަނދެއް އުފެއްދި އަހަރުން ފެށިގެން ވަކި އުމުރަކަށް ފެތޭ އެއްގަމު އުޅަނދުތައް ކަމަށް ގަވާއިދުގައި ބުންޏެވެ. އަދި ރާއްޖެއަށް އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ ދޫކުރެވޭނީ އުމުރު ހަމަނުވާ އުޅަނދުތަކަށް ކަމަށާއި އެ އުމުރަށް ނުފެތޭ އެއްވެސް އުޅަނދެއް ރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެއްކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ރަޖިސްޓަރީކޮށް ނުދެވޭނެ އިންޖީނުލީ އެއްގަމު އުޅަނދުތައް:
- ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށްވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު
- އުފެއްދި ތާރީހުން ފެށިގެން 3 އަހަރުދުވަހަށްވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލް
- އުފެއްދި އަހަރުން ފެށިގެން 5 ފަސް އަހަރު ދުވަހަށްވުރެ އިތުރުވެފައިވާ ކާރު، ވޭން، ބަސް، ލޭންޑްރޯވާ ފަދަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެއްގަމުއުޅަނދާއި އުފުލޭ ބަރުދަން 1 ޓަނު ހަމަނުވާ އެއްގަމު އުޅަނދުތައް
- އުފެއްދި ތާރީހުން ފެށިގެން ހަތް އަހަރު ދުވަހަށްވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން 1 ޓަނުން ފެށިގެން 4 ޓަނު ހަމަނުވާ އެއްގަމު އުޅަނދުތައް
- އުފެއްދި ތާރީހުން ފެށިގެން 10 އަހަރުދުވަހަށްވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން 4 ޓަނުން ފެށިގެން 10 ޓަނު ހަމަނުވާ އެއްގަމު އުޅަނދުތައް
- އުފެއްދި އަހަރުން ފެށިގެން 15 އަހަރުދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވެފައިވާ އުފުލޭ ބަރުދަން 10 ޓަނުން ފެށިގެން މަތީގެ އެއްގަމު އުޅަނދުތައް
އުމުރު ހަމަވެފައިވާ އުޅަނދުތަކުގެ ތެރެއިން 2015 ވަނަ އަހަރުން ފެށިގެން އުފައްދައިފައިވާ އުޅަނދުތައް ރަޖިސްޓަރީކުރާނެ ޝަރުތުތައް:
- 5 ނޮވެންބަރު 2024 ގެ ނިޔަލަށް ރާއްޖެ އެތެރެކޮށްފައިވާ އުޅަނދުތައް
- މި ގަވާއިދު ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން އެއް އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީކުރުމަށް ހުށަހަޅައިފައިވާ އުޅަނދަކަށްވުން
- އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ބަލަންޖެހޭ އެންމެހައި މިންގަނޑުތައް ފުރިހަމަވެފައިވޭތޯ ބެލުން
- މި ފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރާނީ B ޒޯނާއި C ޒޯނަށްކަށްމި ގަވާއިދުގެ 4 ވަނަ މާއްދާގެ (ލ) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް A ޒޯނުގައި ދުއްވުމަށް ރަޖިސްޓަރީ ބަދަލު ނުކުރެވޭނެކަން
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން