ފުލުހުންގެ އެންގުމަށް ސައިކަލް މަޑުނުކޮށް ދިޔަ މީހަކު 33،000 ރުފިޔާއިން ޖޫރިމަނާކޮށް ހަމަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ޖޫރިމަނާކޮށްފައިވަނީ ސ. ހިތަދޫ، ފާނަވިލާގެ، ހަސަން އަލީމެވެ. ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ގާނޫނޫ ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާއެވެ.

އެ ދައުވާ ކޯޓަށް ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ ހަސަން އަލީމް، އިތުރު ބަޔަކާއެކު 22 ޑިސެމްބަރު 2021 ވަނަ ދުވަހުގެ 21:25 އެހާކަންހާއިރު، މަޖީދީމަގުން އިރުން ހުޅަނގަށް ސައިކަލެއްގައި ދުއްވާފައި ދިޔައިރު، އޭނާ ދުއްވަން އިން ސައިކަލުގެ ފަހަތުގައި އިން މީހާ، މަޖީދީމަގު ވަންވޭ ކުރުމަށް ފުލުހުން ބަހައްޓާފައި ހުރި ޓްރެފިކް ކޯނުތަކުގެ ތެރެއިން ކޯނެއް އެއްލައިލުމުން، އޭނާ އެ ސައިކަލުގައި މަޖީދީމަގާއި މާވެޔޮމަގު ގުޅުން ކަންމަތިން ދުއްވާފައި ދަނިކޮށް، އެ މަގުގައި ޓްރެފިކް ބަލަހައްޓަން ހުރި ޕޮލިސް ރެކްރޫޓް އިސްމާއިލް އައީދު މުހައްމަދު، ސައިކަލް މަޑުކުރަން އެންގުމުން، މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

އެ ދައުވާއާ ގުޅިގެން ހަސަން އަލީމް ބުނެފައިވަނީ ދައުވާގައި ބުނާ ހާދިސާ ހިނގި ދުވަހު ސައިކަލް ދުއްވަން އިނީ އޭނާ ކަމަށާއި އެ ދުވަހު ފުލުހުން އޭނާ ކައިރީ މަޑުކުރަން ބުނިކަން ނޭނގޭ ކަމަށާއި އެެހެންވެ ގާނޫނޫ ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާއަށް އިންކާރުކުރާ ކަމަށެވެ. ދައުވާއަށް ހަސަން އަލީމް އިންކާރު ކުރުމުން ދައުލަތުން ވަނީ ހަސަން އަލީމްއާ ދެކޮޅަށް ހެކި ހުށަހަޅައިފައެވެ.

އެގޮތުން މި މައްސަލައިގައި ހެކިބަސް ދެމުން ޕޮލިސް ސާޖެންޓް އުމަރު ނަސީހު ބުނެފައި ވަނީ، ދެ ސައިކަލެއްގައި ދިޔަ ބަޔަކު މާވެޔޮމަގު ޖަންގުޝަންގައި ފުލުހުން ވަންވޭކުރަން ބަހައްޓާފައިހުރި ކޯނެއް އެތަނުން އެއް ސައިކަލުގެ ފަހަތުގައި ހުރި މީހަކު އެއްލާލުމަށްފަހު ދާން ފެށުމުން، ޓޯކީ މެދުވެރިކޮށް އެ މީހުން ހުއްޓުވުމަށް އިސްމާއިލް އާއިދުއަށް އެންގި ކަމަށެވެ. އުމަރު ނަސީހު ބުނެފައިވަނީ އައީދު، އެ ދެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން އެ ހަތަރު މީހުންވެސް މަޑުނުކޮށް "މަގުމަތިން ފެނިއްޖެއްޔާ ފުނޑާލާނަމޭ" ބުނެ އައީދުއަށް އިންޒާރު ދިނުމަށްފަހު އެތަނުން ގޮސްފައިވާކަމަށް އައީދު މައުލޫމާތު ދިން ކަަމަށެވެ. އެ ހަތަރު މީހުންނަކީ ކޮންބައެއްކަން ފާހަގަކުރަން ނެނގޭކަމަށް އުމަރު ނަސީހު ބުނެފައިވެއެވެ.

ހެކިބަސް ދެމުން އައީދު ބުނެފައިވަނީ ކޯނެއް އެެއްލާލުމަށްފަހު ދެ ސައިކަލެއްގައި ހަތަރު މީހަކު ދާނެ ވާހަކަ އުމަރު ނަސީހު ބުނެފައިވާނެ ކަމަށެވެ. އެ ހަތަރު މީހުން ހުއްޓުވުމަށްފަހު އުމަރު ނަސީހު އަންނަންދެން މަޑުކުރުމަށް އެ މީހުން ކައިރި ބުނުމުން، ގަދަހަދާފައި ދާން މަސައްކަތް ކުރި ކަމަށާއި އަދި އެ ދެ ފަހަރެއްގެ މަތިން އޭނާގެ ގައިގައި ސައިކަލް ޖެއްސުމަށްފަހު އެ މީހުން އެތަނުން ގޮސްފައިވާ ކަމަށެވެ.

ދެން މި މައްސަލައިގައި ހެކިބަސް ދިނީ މި މައްސަލައިގައި ހިމެނޭ ވީޑިއޯ ފޫޓޭޖުތައް އެނަލިސިސްކުރި ސާޖަންޓް ހަމްދޫން މުހައްމަދެވެ. ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ ވިޑިއޯއިން ފެންނަ މީހާއަކީ ހަސަން އަލީމްއާ އެއް ވައްތަރު ސިފަތަކެއް ހުރި މީހެއް ކަމަށާއި އެގޮތުން ހެއާ ސްޓައިލް، ބޮޑީ ކޮމްޕެރެޝަން، ފައިވާން ޖިންސު އެއްޗެހި ދިމާވާ ކަމަށެވެ. ހަސަން އަލީމް ހުއްޓުވަން ފުލުހަކު މަސައްކަތްކުރާ މަންޒަރު ފެންނަ ކަމަށާއި އަދި ފުލުސް މީހާގެ އަތްފޮޅާލާ މަންޒަރު ވީޑިއޯއިން ފެންނަ ކަމަށެވެ.

އެ ހެކިތަކާ ގުޅިގެން ހަސަން އަލީމް ބުނެފައިވަނީ މި މައްސަލައިގައި ހެކިބަސް ދިން އުމަރު ނަސީރަށް، މި މައްސަލައިގައި ދައުވާ ލިބޭ މީހުން ފާހަގަަކުރަން ނޭނގޭ ކަމަށާއި ވީޑިއޯއިން ފެންނަ މީހާއަކީ އޭނާކަން، އެ ވީޑިއޯގެ އެނަލިސިސް ހެދި ހެކިވެރިޔާއަށް ސީދާކޮށް ބުނަން ނޭނގޭ ކަމަށެވެ.

މި މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް ޒިހުނީ ރައުޔުގައި ވިދާޅުވީ ހަސަން އަލީމް ދުއްވަން އިން ސައިކަލް މަޑުކުރަން އެންގި އައީދަކީ ގާނޫނޫ ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއްކަމާދު ސުވާލު އުފެދިފައި ނުވާ ކަމަށެވެ. އަދި އައީދަކީ އެފަދަ މުވައްޒަފެއްކަން ނޭނގޭކަން ހަސަން އަލީމުގެ ފަރާތުންވެސް ފާހަގަކޮށްފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ތަހުގީގު ހަސަން އަލީމު ހަނުހުރުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ދައްކާފައި ނުވާކަމަށް ގާޒީ ވިދާޅުވިއެވެ. ހާދިސާ ހިނގި ރޭ ސައިކަލް ދުއްވަން އިން ކަމަށް ހަސަން އަލީމު ވަނީ އިއުތިރާފު ވެފައިކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯއިންވެސް ފެންނަނީ ހަސަން އަލީމް ދުއްވަން އިން ސައިކަލް މަޑުކުރުވުމުން ގަދަ ހަދާފައި ދާން މަސައްކަތްކުރާ މަންޒަރު ކަމަށެވެ. އަދި ހަސަން އަލީމް ދުއްވަން އިން ސައިކަލް ހުއްޓުވަން އައީދު މަސައްކަތްކުރާ މަންޒަރުވެސް އެ ވީޑިއޯއިން ފެންނަކަމަށް ގާޒީ ވިދާޅުވިއެވެ. ހަސަން އަލީމު އިންޒާރު ދިނުމުގެ ގޮތުން އައީދުއާ ދިމާލަށް އަތްދިކުރާ މަންޒަރުވެސް ފެންކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ ގާޒީ ކަނޑައެޅުއްވީ ހެކިންގެ ހެކިބަހުން ހަސަން އަލީމްގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުގައި ފަސް މަހާއި 15 ދުވަހަށް ޖަލަށް ލުމަށެވެ.

ނަމަވެސް ހަސަން އަލީމަކީ މިހާރުވެސް ކޮމިއުނިޓީ ފަރުވާގައި ހުރި މީހަކަށްވުމުންނާއި ވަޒީފާއަށް ދާ މީހަކަށްވުމުން ގާޒީ ނިންމެވީ ޖަލު ހުކުމް 33،000 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށް އެ ފައިސާ ހަމަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކައި ހަލާސްކުރުމަށް ހުކުމް ކުރުމަށެވެ.