ގުޅިފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެންނަން ޖެހުނީ އެ އެއްބަސްވުންތަކުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ކުރީގެ ގޯތީގެ ރަޖިސްޓަރީ އާއި އެއްބަސްވުން ބާތިލުކޮށް، އާ ރަޖިސްޓަރީ އާއި އެއްބަސްވުން ހާވަލުކުރަން ވަނީ ނިންމައިފައެވެ. ގުޅިފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން ގެނެވުނު ބަދަލާ ގުޅިގެން ކުރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ވެސް ވަނީ ބަދަލުވެފައެވެ. އަދި މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ވަނީ ގުރުނެގުން ވެސް ބާއްވައިފައެވެ.
ގޯތި ލިބުނު މީހުންނާއެކު މިނިސްޓްރީން އަލަށް ހަދާ އެއްބަސްވުމުގައި ވަނީ "މާލެ ސަރަހައްދު"ގެ ބަދަލުގައި "ރާއްޖޭގެ އެއްވެސް ސަރަހައްދަކުން" ގޯތި ލިބިފައިވާ މީހެއް ނޫން ކަމަށް އެއްބަސްވާންވާނެ ކަމަށް ބަޔާންކޮށްފައެވެ.
އެއްބަސްވުމުގައި އެގޮތަށް ހިމެނުމަށް މިނިސްޓްރީން ނިންމުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، ސަރުކާރަށް ފާޑު ކިޔައިފައެވެ.
އެ ފާޑު ކިޔުންތަކަށް ރައްދު ދެއްވައި ހައުސިން މިނިސްޓަރު މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުން ހަދާ އެއްބަސްވުންތަކަކީ ގާނޫނީ އެއްވެސް ފުށު އެރުމެއް ހުރި އެއްބަސްވުމަކަށް ވެގެންނުވާނެ ކަމަށެވެ.
"ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެެއްބަސްވުންތައް ހުންނަން ޖެހޭނީ ގާނޫނާ ފުުށުނާރާގޮތަށް ކަމަށްވާތީ. ބިމާބެހޭ ގާނޫނޫގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މުއްތަލިބު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓުގައި ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ސްކްރީންޝޮޓެއްވެސް ހިއްސާކުރައްވައިފައެވެ.
ބިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ، ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ މި ގާނޫނުގެ 15 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗަކުން ބަޔެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ލިބިފައިނުވާ، ދިވެހި ރައްޔިތުންނަށް" ކަމަށެވެ.
ނަމަވެސް ބައިކޮށްދެވިފައިވާ ގޯތީގެ ބައި، ނުވަތަ ލިބިފައިވާ ގޯތި ނުވަތަ ފުލެޓް ދޫކޮށްލުމުން، ސަރުކާރުން ހިންގާ މަޝްރޫއެއްގެ ދަށުން ގޯތި ލިބުމަށް ހުރަސްނާޅާ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ބިމާބެހޭ ގާނޫނަކީ 2002 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެކެވެ.
އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ނ) ބަޔާންކޮށްފައިވަނީ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އެއްވެސް މީހަކަށް، އެއް ރަށަކުން، ދިރިއުޅުމަށް އެއް ގޯއްޗަށްވުރެ ގިނަ ގޯތި ދުލެއް ނުކުރެވޭނެ ކަމަށެވެ. އަދި މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން، ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ، ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތުގެ މަތިން ކަމަށެވެ.
މުހައްމަދު އިޝާން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ގާނޫނީ މާހިރެއްދޯ؟
އަހްމަދު - 11 މަސް ކުރިން