ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ މަޖިލީހަށް ހުށަހެޅުއްވި މި ބިލް މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ބިލުގައި ފަނޑިޔާރުންގެ ގާނޫނުން ސުލޫކީ މިންގަނޑު ބަޔާންކުރާ މާއްދާ އުނިކޮށް، ތަފްސީލްކޮށް އިތުރު ބާބެއް ހިމަނަން ވަނީ އިސްލާހު ހުށަހަޅައިފައެވެ. އަދި އަމިއްލައަށް ފަނޑިޔާރުކަމުން އިސްތިއުފާ ދީގެން ނުވަތަ މަގާމުން ވަކިކުރާ ފަނޑިޔާރަކަށް ދެ އަހަރުގެ މުއްދަތަކަށް ވަކީލުކަން ނުކުރެވޭ ގޮތަށް ގާނޫނު ބަދަލު ކުރަން ވެސް އިސްލާހު ހުށަހަޅައިފައެވެ. އަދި އެގޮތަށް ވަކީލެއްގެ ގޮތުގައި ހާޒިރު ނުވެވޭނީ ފާއިތުވި ތިން އަހަރު އޭނާ މަގާމު އަދާ ކުރި ކޯޓަކަށް ކަމަށެވެ.

ފަނޑިޔާރުންނަށް ޖޭއެސްސީން ހުއްދަކުރާ އަދި ފަނޑިޔާރުކަމުގެ މިނިވަންކަމަށް އަސަރު ނުކުރާނެ މަސައްކަތްތައް ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، ފަނޑިޔާރުކަމުގައި ދެމިހުންނަ މުއްދަތުގައި ދައުލަތުގެ އެހެން އެއްވެސް މަގާމެއް ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއް އަދާކުރުމަކީ މަނާކަމެކެވެ.

އޭގެ އިތުރުން، ދެ އަހަރު ފަހުން ވެސް އަދި އެހެން ކޯޓެއްގައި ވެސް ބައެއް ހާލަތްތަކުގައި ވަކީލުކަން ނުކުރެވޭ ގޮތަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަނޑިޔާރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މަގާމުގެ މުއްދަތުގައި ބަލާފައިވާ މައްސަލައެއްގައި، އެ މީހެއްގެ މަސްލަހަތު ފުށުއަރާ ހާލަތެއް ދެމިއޮތްހާ ހިނދަކު، ދެ އަހަރުގެ މުއްދަތުގައި ވެސް އަދި އެ މުއްދަތު ފަހަނައަޅާ ފަހުން ވެސް އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުންހުރި އެހެން އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރެއް ނުވެވޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ ނޫން ވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

ފަނޑިޔާރުންނަށް ދައުލަތުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ ފަންޑުތަކުގައި ބައިވެރިވެވޭނެ ކަމަށާއި އެހެންނަމަވެސް، އަމިއްލައަށް ފަންޑެއް ހިންގުމާއި ސެކިއުރިޓީޒްގެ ވިޔަފާރި ކުރުމާއި ލޯފާމް ހިންގުން ފަދަ ކަންކަން ވަނީ މަނާކޮށްފައެވެ.

އަދި ދައުލަތުގެ މުދަލާއި ބިން ގަތުމާއި ކުއްޔަށް ހިފުމާއި ދައުލަތުގެ އެއްވެސް މުއާމަލާތެއްގައި މަސްލަހަތު ބެހެއްޓުމަކީ ވެސް މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅައިފައެވެ.

އެ ބިލުގައި ދެން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި:

  • ފަނޑިޔާރުންނަކީ އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރާ ބަޔަކަށް ވެގެން ނުވާނެ
  • ފަނޑިޔާރަކަށް ޕަބްލިކް ކުންފުނިތަކުގެ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި ހުރެވިދާނެ
  • އަމިއްލަ މުދާ އާންމު އަގުގައި ވިއްކުމާއި ކުއްޔަށް ދެވޭނެ؛ އެއީ ވިޔަފާރީގެ ގޮތުގައި ނުބެލެވޭނެ
  • މައްސަލައެއް ހަވާލުކުރާތާ އަހަރެއްގެ ތެރޭގައި ނިންމައިނުލެވޭނަމަ، އެކަން ސަބަބާއެކު އިސްފަނޑިޔާރަށާއި ޖޭއެސްސީއަށް އަންގަން ޖެހޭނެ
  • އެ މައްސަލަ ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަހަކު އެއް ފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދޭން ޖެހޭނެ
  • ފަނޑިޔާރުންގެ މަގާމުގެ ކުރިއެރުމަށްޓަކައި ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެމީހުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް، އެކަމުގެ ތަފްސީލީ ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓުގެ ކޮޕީއެއް ކަމާބެހޭ ފަނޑިޔާރަށް ދޭން ޖެހޭނެ

މީގެ އިތުރުން ފަނޑިޔާރުކަމުން ވަކިވުމަށްފަހުގައި ވެސް އާއިލާ ހިމެނޭހެން އެމީހެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ވެސް ވަނީ ހުށަހަޅައިފައެވެ.

ފަނޑިޔާރުގެ ގާނޫނުގެ 68 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން ތިން ހާލަތެއްގައި ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ޖެހޭނެއެވެ. އެއީ:

  • ފަނޑިޔާރަކު މަގާމާ ހަވާލުވިއިރު އޭނާގެ އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި ދަރަނީގެ ހިސާބުތައް މަގާމާ ހަވާލުވާތާ ތިން މަސް ތެރޭ ޖޭއެސްސީއަށް ހުށަހަޅަން ޖެހޭނެ
  • ފަނޑިޔާރަކު މަގާމުގައި ދެމި ހުރިހާ ހިނދަކު ކޮންމެ އަހަރަކު ވެސް އެ ތަފްސީލުތައް ހިމެނޭ މަލީ ބަޔާން ޖޭއެސްސީއަށް ހުށަޅަން ޖެހޭނެ
  • އެއްވެސް ސަބަބަކާ ހުރެ އެ މަގާމުން ވަކިވުމަށް ފަހު ނުވަތަ އިސްތިއުފާދިނުމަށް ފަހު، މަގާމުން ވަކިވި އިރު ހުރި އާމްދަނީ އާއި މުދަލާއި އަދާކުރަން ޖެހޭ ދަރަނީގެ ތަފްސީލުތައް، މަގާމުން ވަކިވާތާ ތިން މަސް ތެރޭ ޖޭއެސްސީއަށް ހުށަހަޅަން ޖެހޭނެ

އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އެ ތިން ހާލަތުގައި ވެސް މަލީ ބަޔާން ހުށަހަޅާ އިރު، އެ މީހަކު ކައިވެނިކޮށްގެން އުޅޭ މީހާ އާއި އޭނާގެ ސީދާ ބެލުމުގެ ދަށުގައިވާ ދަރިން އަދި ބަލަހައްޓާ އެހެން ފަރާތެއް ހުރި ނަމަ، އެ ފަރާތްތަކުގެ މާލީ ހިސާބުތައް ހުށަހަޅަން ޖެހޭނެއެވެ. އެއީ މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ނޫނެވެ.

އެ މާއްދާ މިހާރު އޮންނަ ގޮތުން ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅަން ޖެހޭނީ އަހަރަކު އެއް ފަހަރެވެ. އަދި މަގާމުން ވަކިވާ ނުވަތަ ވަކިކުރާ ފަނޑިޔާރުން މާލީ ބަޔާން ހުށަހަޅާކަށްވެސް ނުޖެހެއެވެ.