ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީގެ މޭޔަރު ސައުދި އަލީ އަދި އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރި މައްސަލަ ސިވިލް ކޯޓަށް އިއްޔެ ހުށަހަޅައިފިއެވެ.
އެލްޖީއޭއިން 25 ޖޫން 2025 ވަނަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ތިނަދޫ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ 19 މައްސަލައެއް ބެލުމުގެ ގޮތުން ކައުންސިލް އިންކުއަރީއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް އެލްޖީއޭއިން ވަނީ ދިރާސާކޮށްފައިކަމަށް ބުނެފައިވެއެވެ. އަދި އިންކުއަރީއަށްފަހު ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކޮށްފައިވާ ކަމަށާއި ކައުންސިލްގެ އިތުރު ބައެއް މެންބަރުންނަށްވެސް ފިޔަވަޅު އަޅާނެ ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.
ތިނަދޫ ކައުންސިލްގެ މޭޔަރު ސައުދު "ވަން" އަށް މިއަދު ވިދާޅުވީ އެލްޖީއޭއިން މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވަނީ ލާމަރުކަޒީ ގާނޫނާއި އެހެނިހެން ގާނޫނުތަކާ ހިލާފަށް ކަމަށެވެ. ފިޔަވަޅު އަޅާފައިވަނީ އެކަމަށް އޮންނަ އިޖުރާއަތްތަކުގެ ބޭރުން ސިޔާސީ ނުފޫޒުން ކަމަށެވެ. ސައުދު ވިދާޅުވީ، އެލްޖީއޭއިން ތިނަދޫ ކައުންސިލްގެ މައްސަލަތަކެއް ގާނޫނާ ހިލާފަށް ބަލައި، ގާނޫނާ ހިލާފު ފިޔަވަޅުތަކެއް އަޅައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ނުފޫޒުން ކަމަށެވެ.
ސައުދު ވިދާޅުވީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އެލްޖީއޭއިން ވަނީ ގާނޫނުން އެލްޖީއޭއަށް ލާޒިމުކުރާ ކަންކަން ވެސް ނުކޮށް ދޫކޮށްލައިފައި ކަމަށެވެ.
އެލްޖީއޭއިން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ކައުންސިލުން ފުރިހަމަޔަށް އެއްބާރުލުން ދީފައިވާނެކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
"އެލްޖީއޭއިން ބެލި ބައެއް މައްސަލަތަކަކީ މިނިވަން މުއައްސަސާތަކުން ބަލައި ނިންމާފައިވާ މައްސަލަތެއް، އެލްޖީއޭއިން އެބަހުރި މިނިވަން މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކެއްވެސް ބަލައި ފިޔަވަޅު އަޅަައިފައި. މިއަކީ އެއްވެސް ގާނޫނަކުން އެލްޖީއޭއަށް ލިބިދޭ ބާރެއް ނޫން މިނިވަން މުއައްސަސާއަކުން މައްސަލައެއް ބަލަމުން ދަނިކޮށް ނޫނީ ނިންމާފައިވަނިކޮށް، އެލްޖީއޭއިން އެ މައްސަލައެއް ބަލައި މައްސަލައާ ގުޅޭގޮތުން ފިޔަވަޅު އެޅުން" ސައުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު އުވާލެވިފައިވާ ގާނޫނުތަކުގެ ދަށުންވެސް އެލްޖީއޭއިން ވަނީ ކައުންސިލަށް ފިޔަވަޅު އަޅައިފައި ކަމަށެވެ. އެހެންކަމުން މި ކަމުގައި އެލްޖީއޭގެ ނިޔަތް ސާފު ނޫންކަން ވަރަށް ސާފުކޮށް އެނގޭކަމަށް ސައުދު ވިދާޅުވިއެވެ.
އެލްޖީއޭއިން އިންކުއަރީ ކުރިއަށް ގެންދިޔުމުގައި ލާމަރުކަޒީ ގާނޫނު އަދި އެހެން ގާނޫނުތަކާ ހިލާފުވެ، އެ އިންކުއަރީއަށް ބިނާކޮށް އޭނާ އަދި ޑެޕިއުޓީ މޭޔަރު، މަގާމުން ސަސްޕެންޑްކުރަން ނިންމުމުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ އެލްޖީއޭގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއްކަމަށް ކަނޑައަޅައިދިނުމަށްކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ އެލްޖީއޭއިން، ކައުންސިލާ ދެކޮޅަށް 2،000 މައްސަލަ ބެލި ނަމަވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް މައްސަލަ ބަލަން ވާނީ ސިޔާސީ ނުފޫޒުން އެއްކިބާ ވެ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
އެލްޖީއޭއިން ތިނަދޫގެ މޭޔަރު ސައުދު ސަސްޕެންޑްކޮށްފައިވަނީ ތިން މަސް ދުވަހަށެވެ. ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސް ދުވަހަށެވެ.
މުހައްމަދު އިޝާން
ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫ