ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އަދި އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑްކޮށްފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ތިނަދޫ ކައުންސިލާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކެއް ބެލުމުގެ ގޮތުން ކައުންސިލް އިންކުއައިރީއެއް ކުރިއަށް ގެންގޮސްފައެވެ. އެ އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް އެލްޖީއޭއިން ވަނީ ދިރާސާކޮށްފައެވެ.
އެލްޖީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެ އިދާރާގެ ބޯޑުން ތިނަދޫ ކައުންސިލާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައިފައިވާ ކަމަށެވެ.
އެގޮތުން ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާ މައްސަލަތަކަކާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް މޭޔަރާއި މެންބަރުން އަމަލުކުރާ ކަމަށް ބުނެ، އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން ހުށަހެޅި މައްސަލަތަކެއް ހިމެނޭ ކަމަށް އެލްޖީއޭއިން ބުންޏެވެ.
ތިނަދޫ ކައުންސިލުން މޮނިޓާކުރިި އިރު، އެލްޖީއޭއަށްވެސް އެފަދަ މައްސަލަތަކެއް ފާހަގަވި ކަމަށާއި އިންކުއަރީގައި ވެސް އެފަދަ 19 މައްސަލައެއް ބަލާފައިވާނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.
އެ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ކައުންސިލުން ޖަވާބުނުދިނުމާއި އެހެން ރަށަކަށް ރައްވެހިކަން ބަދަލު ކުރުމަށް ހުށައެޅުމުން 5,000 ރުފިޔާގެ ފީއެއް ނެގުމާއި އެ ފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލު ނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވުމުގެ އިތުރުން އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުން ހިމެނޭ ކަމަށް އެލްޖީއޭއިން ބުންޏެވެ.
އޭގެ އިތުރުން މާލީ ވުޒާރާގެ ހުއްދަނެތި ކައުންސިލުގެ ބިޑް ކޮމިޓީ އާއި ބިޑް އިވެލިއުޝަން ކޮމިޓީއަށް އެލަވަންސެއް ދިނުމާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގަށް ކައުންސިލުން އެއްބާރުލުން ނުދިނުމާއި ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރާ މައްސަލަތަކެއް އިންކުއައިރީގައި ބަލާފައިވާނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.
ތިނަދޫ ކައުންސިލުން ވަނީ ސަރުކާރުގެ ހައުސިން ސިޔާސަތުގެ ދަށުން ތިނަދޫގައި ހަދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާއެއް ނެތި ހުޅުވާލައިފައި ކަމަށާއި އެކަން ނުކުރުމަށް މިނިސްޓްރީން އެންގި އެންގުމަށް ކައުންސިލުން އަމަލުކޮށްފައި ނުވާ ކަމަށެވެ. އަދި ތިނަދޫއިން ދޫކޮށްފައިވާ ފުލެޓްތަކަށް ވަޅުފެން ނުލިބޭތީ، އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު މޭޔަރާ ބައްދަލު ކުރުމަށް އެދުމުން ބައްދަލުކޮށްފައިނުވާ ކަމަށް ވެސް އެލްޖީއޭއިން ބުންޏެވެ.
އަދި ކައުންސިލުން އިއުލާންކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރު ސައުދު އަލީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވި ނަމަވެސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެންބަރުންގެ މުސާރަ އާއި އިނާޔަތް، ކައުންސިލުގެ ރައީސް އާއި މެންބަރުން ނަގާފައިވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.
ތިނަދޫ ކައުންސިލުން ވަނީ ސިވިލް ސާވިސް ގާނޫނާއި ގަވާއިދާ ހިލާފަށް ވޭޖު އުސޫލުން އިއުލާން ކުރުމެއްނެތި މުވައްޒަފުން ނެގުމާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ގަވާއިދާ ހިލާފަށް ކައުންސިލުން ހިންގާ ޕްރޮކިއުމަންޓުތައް ސްޕްލިޓް ކޮށްގެން ކުރިއަށް ގެންދައި، ވަކި ފަރާތަކަށް މަންފާވާގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންގޮސްފައި ކަމަށް އެލްޖީއޭއިން ބުންޏެވެ.
އަދި ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަކިގޮތަކަށް ކަންކަން ކުރުމުގެ މައްސަލަ ވެސް އިންކުއައިރީގައި ބަލާފައިވާނެ ކަމަށް އެލްޖީއޭއިން ބުންޏެވެ.
އެލްޖީއޭއިން ބުނީ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދާނުކުރާ ކަމަށާއި ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާފައިވާ މައްސަލައެއް ވެސް އިންކުއައިރީގެ ތެރެއިން ބަލައިފައިވާނެ ކަމަށް އެލްޖީއޭއިން ބުންޏެވެ. އަދި އެކަންކަން އިންކުއައިރީއަށް ސާބިތުވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.
މީގެ އިތުރުން އެލްޖީއޭއިން ބުނީ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސްލޫކާ ހިލާފު އަމުލުތައް ތަކުރާރުކޮށްފައިވާ ކަމަށެވެ.
އެލްޖީއޭއިން ބުނީ އެ ހުރިހާ މައްސަލަތަކެއް ބެލުމަށްފަހު އެލްޖީއޭގެ ބޯޑުން މިއަދު ނިންމީ ތިނަދޫ މޭޔަރު ސައުދު އަލީ ތިންމަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމަށް ކަމަށެވެ.
ތިނަދޫ ކައުންސިލްގައި މޭޔަރާއި ޑެޕިއުޓީ މޭޔަރު ހިމަނައިގެން ތިއްބަވަނީ ޖުމްލަ ހަތް މެންބަރުންނެވެ. އެލްޖީއޭއިން ބުނީ ކައުންސިލްގެ މެންބަރުންނަށް ވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މުހައްމަދު އިޝާން
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު