ގައުމެއްގެ ތަރައްގީއަށް އެ ގައުމެއްގެ ސިއްހަތު ވަރަށް މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ކުޅުދުއްފުށީ ޕޯޓްސް ލިމިޓަޑްގައި މިއަދު ހަވީރު ކުރިއަށްދިޔަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"ގައުމެއް ތަރައްގީ ކުރުމުގައި އެ ގައުމެއްގެ ސިއްހަތު ކިތަންމެހައިވެސް މުހިންމު. އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫހާނީ ސިއްހަތުވެސް ހިމެނޭ،" މެޑަމް ވިދާޅުވިއެވެ.

ސާޖިދާ އިތުރަށް ވިދާޅުވީ ސަލާމަތް ސިއްހަތެއް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްވެސް ވަރަށް ގިނަ ކަމަށާއި އޭގެތެރޭގައި ދިރިއުޅުމުގެ އަމިއްލަ އާދަތައް އިސްލާހުކުރުމާއި ސިއްހަތާބެހޭ ތައުލީމު އެކި ފެންވަރުގައި ލިބިގަތުމުގެ އިތުރުން ފަރުވާ ދިނުމުގެ އިލްމުތަކާއި ހުނަރުތައް ދަސްކުރުން އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައި ތަންތަން ބިނާކުރުން ހިމެނޭ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާ ހިދުމަތްތަކެއްވެސް ވަނީ އިފްތިތާހުކުރައްވައިފައެވެ. އޭގެތެރޭގައި ޓެލެމެޑެސިންގެ ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް ހިމެނެއެވެ.

އެ ޖަލްސާގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ހިދުމަތް އިފްތިތާކޮށްދެއްވީ ޑައިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސް ޑރ. އަހުމަދު އަޝްރަފެވެ.

އެ ޖަލްސާގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ ހަނދާނީ ފިލާ ހަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ހަވާލުކުރުންވެސް ވަނީ ކުރިޔަށްގެންގޮސްފައެވެ. އަދި އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކުރުންވެސް އޮތެވެ.

އޭގެ އިތުރުން، ހޮސްޕިޓަލަށް ހިދުމަތްކުރައްވައި ވަކިވެފައިވާ ފަރާތްތަކަށްވެސް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވައިފައެވެ.