ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ ދައުރުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން މިމަހުގެ 20 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

ރައީސް އޮފީހުން މިއަދު ބުނީ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އެ އޮފީހުން ކަމަށެވެ.

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަަމަށް ރައީސް އޮފީހުން ބުންޏެވެ.

ސީއެސްސީ މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ދައުރުގެ މުއްދަތު ހަމަވާ މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި މުހައްމަދު ފަރުޝަތު އަދި ފާތިމަތު ޝަރީފެވެ. ސީއެސްސީގެ މެންބަރުކަމަށް އެ ބޭފުޅުން އައްޔަންކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ގައެވެ.

އޭރު މެންބަރުކަމަށް އައްޔަންކުރެއްވި އިބްރާހިމް ރަޝީދު ވަނީ ދާދިފަހުން އިސްތިއުފާދެއްވައިފައެވެ. ގިނަ ތުހުމަތުތަކެއްކޮށް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން މަޖިލީހުން މަސައްކަތް ފަށާފައިވަނިކޮށް، އޭނާ އިސްތިއުފާދެއްވީ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވުމަށްފަހުއެވެ.

އިބްރާހިމް ރަޝީދު އިސްތިއުފާދެއްވުމުން، މިދިޔަ އޭޕްރީލް މަހުގެ 20 ގައި އެ މަގާމަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާ ކުރީގެ މެންބަރު މުހައްމަދު މުޖުތާޒެވެ. އަދި އޭނާ ވަނީ އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ވެސް އައްޔަންކުރައްވައިފައެވެ.