ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދުގެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ބައެއް ސާމާނު ހޯދައިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އަލީ ހާލިދު މިދިޔަ ބުރާސްފަތި ދުވަހު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާލޭގައި ހުންނަ އޭނާގެ ގެއަށް ބަޔަކު ވަދެ ވައްކަންކޮށްފައިވާ ކަމަށެވެ. އެ މީހުން ގެއަށް ވަދެފައިވަނީ ގޭގެ ފެންލައިޓުންކަމަށް ހާލިދު ވިދާޅުވެފައިވެއެވެ. ހާލިދު ވަނީ އޭނާގެ ގެއިން ވަގަށް ގެންދިޔަ ތަކެތި ވިއްކަން އުޅުނު މީހުންގެ ފޮޓޯއާއި، ގޭތެރެއިން ދެ މީހަކު ވައްކަން ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއްވެސް އާންމުކޮށްފައެވެ.

ވަގަށް ނެގި ތަކެތީގެ ތެރޭގައި އައިފޯނަކާއި ޑެލް ބްރޭންޑުގެ ދެ ލެޕްޓޮޕާއި ތިން ހާޑް ޑްރައިވް އަދި ވަންޕްލްސް ޓެބްލެޓެއްގެ އިތުރުން ޖޭބީއެލް ބްލޫޓޫތު ސްޕީކަރަކާއި އަވި އައިނެއް އަދި އޫދު އަސްވަދު ބްރޭންޑުގެ ސެންޓުފުޅިއެއް ހިމެނޭކަމަށް ހާލިދު ވިދާޅުވެފައިވެއެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުށަހަޅާފައިވާ އެ މައްސަލައާ ގުޅިގެން އެ ތަކެތި ހޯދަން ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ ޖެހިގެންއައި ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

"އެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ފުލުހުންގެ މަސައްކަތުން މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު، އެކި ބްރޭންޑުތަކުގެ ހާޑު އަދި ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑިއާއި އެހެނިހެން ތަކެތި ހިމެނެއެވެ. މި ތަކެތީގެ އަގު 60،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވެއެވެ" ފުލުހުން ބުންޏެވެ.

އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72،000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެރިފަރާތުން މައުލޫމާތު ދީފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި، މިހާތަނަށް ނުފެނިވާ ތަކެތި ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނައިރު މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާނެކަމަށް ފުލުހުން ބުންޏެވެ.