މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އަށް މިދިޔަ އަހަރު 217 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެއެވެ.
އޮޑިޓާ ޖެެނެރަލް އޮފީހުން އިއްޔެ އާންމުކުރި ހިސާބުތަކުގައިވާ ގޮތުން އެމްޑަބްލިޔުއެސްސީއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 217 މިލިއަން ރުފިޔާއަކީ އޭގެ ކުރީގެ އަހަރު ކަމަށްވާ 2023 ވަނަ އަހަރާ އަޅައިބަލާއިރު 103 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެ އަހަރާ އަޅައިބަލާއިރު މިދިޔަ އަހަރު އެމްޑަބްލިޔުއެސްސީގެ ފައިދާވަނީ 90 ޕަސެންޓަށް އިތުރުވެފައިކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުންޏެވެ.
އެމްޑަބްލިިޔުއެސްސީއަށް ފާއިތުވި ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީވެސް މިދިޔަ އަހަރުކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުންޏެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް އެހާ ބޮޑު ފައިދާއެއް ލިބިފައިވަނީ ކުންފުނީގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރުމުގެ ސަބަބުން ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުންޏެވެ. އެގޮތުން އާމްދަނީ އިތުރުކުރުމަށް ޓަކައި، އެ ކުންފުނިން ސީދާ ގޮތުން ކުރާ ހަރަދުތައް 935 މިލިއަން ރުފިޔާ ކުޑަކޮށްފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ވަނީ ފާހަގަކޮށްފައެެވެ.
އެމްޑަބްލިޔުއެސްސީއަށް މިދިޔަ އަހަރު ޖުމުލަ 1.6 ބިލިއަން ރުފިޔާ ލިބުނުކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުންޏެވެ. އޭގެ ތެރެއިން 62 މިލިއަން ރުފިޔާ ހަރަދުކުރީ ކުންފުނީގެ ދަރަނިތައް ދައްކާން ކަމަށާއި 2023 ވަނަ އަހަރު އެއަށްވުރެ ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދައްކައިފައިވާކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުންޏެވެ.
އެ ކުންފުނީގައި 1،200 މުވައްޒަފުން މަސައްކަތް ކުރާއިރު މުވައްޒަފުންގެ މުސާރައަށް ކުންފުނީގެ އާމްދަނީގެ 16 ޕަސަންޓް ހަރަދުކުރާކަމަށް އޮޑިޓް ޖެނެރަލް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ