ރާއްޖެ އާއި ސަޢޫދީ އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ސައުދީން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޔަހުޔާ ހަސަން އަލްގަހުތާނީ، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުއިއްޒަށް މިއަދު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވައިފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން، ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށް ޓަކައި މަރުހަބާ ވިދާޅުވެފައިވާ ކަމަށެވެ.
އާ ސަފީރާ ބައްދަލުކުރައްވައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ އަގުހުރި އެހީތެރިކަމާއި އެއްބާރުލުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހުދަށާއި އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބުދުލްއަޒީޒް އާލް ސުއޫދަށް ޝުކުރު އަދާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ރައީސް ވަނީ ރާއްޖެ، މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމާ ގުޅިގެން ވެސް ޝުކުރު އަދާކުރައްވައިފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތްތަކަށާއި ހައްޖު އަދި އުމްރާއަށް ދާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ފަސޭހަތަކާއި ކުރިއެރުންތަކަށް ތައުރީފު ކުރައްވައި އެ މަނިކުފާނު ޝުކުރު އަދާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖެ އާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ސަފީރަށް ދެއްވައިފައި ކަމަށެވެ.
ރާއްޖެ އާއި ސައުދީއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 1981 ވަނަ އަހަރުގެ މާރިޗް މަހުގެ 17 ވަނަ ދުވަހުއެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް