ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް، އޭދަފުށީ ކައުންސިލްގެ ބޮޑެތި މައްސަލަތަކެއް އެ ކައުންސިލްގެ 2033 ވަނަ އަހަރުގެ އޮޑިޓްގައި ފާހަގަކޮށްފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން މި މަހުގެ އެއްވަނަ ދުވަހު އާންމުކުރި އޭދަފުށީ ކައުންސިލްގެ 2023 ވަނަ އަހަރުގެ އޮޑިޓްގައިވާ ގޮތުން، އެ ކައުންސިލުން ވަނީ މުވައްޒަފުންނަށް ލިމިޓެއް ނެތި އިތުރު ގަޑީގެ ފައިސާ ދެމުން ގޮސްފައެވެ. އެގޮތުން ކައުންސިލް އިދާރާގެ 34 މުވައްޒަފުންނަށް އެ އަހަރު އިތުރު ގަޑީގެ ފައިސާގެ ގޮތުގައި 530،335 ރުފިޔާ ދީފައިވާއިރު، ބައެއް މުވައްޒަފުންނަށް އެ މުވައްޒަފުންގެ އަސާސީ މުސާރައާއި އިނާޔަތްތަކުގެ 86 ޕަސެންޓާ އެއްވަރުގެ އަދަދެއް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ދީފައިވާ ކަން ފާހަގަ ކުރެވޭ ކަމަށް އޮޓިޑް ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުގައިވާ ގޮތުގައި ކައުންސިލް އިދާރާގެ މުވައްޒަފުން ރަސްމީ ގަޑީގައި އެކިއެކި ބޭނުންތަކުގައި ބޭރަށްދާ ގަޑިއާއި އެނބުރި އަންނަ ގަޑީގެ ރެކޯޑްވެސް އެ ކައުންސިލުން ބަލަހައްޓާފައެއް ނުވެއެވެ.

އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި 2023 ވަނަ އަހަރު، އޭދަފުށީ ކައުންސިލުން ވަނީ އެކަށީގެންވާ ސަބަބެއް ނެތި މަސައްކަތުގެ މުއްދަތު އިތުރުކޮށްދީފައެވެ. އެކަން ކޮށްދީފައިވަނީ ކައުންސިލްގެ ޕިކަޕެއް މަރާމާތުކުރަން ހަވާލުކުރި ފަރާތަކަށެވެ. އެ ޕިކަޕުގެ މަރާމާތަށް ޖުމުލަ 135،000 ރުފިޔާއަށް 49 ދުވަސް ތެރޭ ނިންމަން އަމިއްލަ ފަރާތަކާ ހަވާލުކުރުމަށް ފަހު، އިތުރު 25 ދުވަހަށް އެ މުއްދަތު އެކަށޭނެ ސަބަބަކާ ނުލައި އިތުރުކޮށްދީފައިވާކަން އޮޑިޓުން އެނގެއެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސައްކަތް ނިންމުމުގެ ކުރިން މަސައްކަތް ނިންމައި ޗެކްކުރި ލިޔުން ތައްޔާރުކޮށް ސޮއިކޮށްފައިވާ މައްސަލައެކެވެ.

އެ މައްސަލައަކީ، އެ ރަށުގެ މުއީނުއްދީން މިސްކިތުގެ ފެންޑާ މަރާމާތުކުރުމަށް 184،372 ރުފިޔާއަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލައެކެވެ. އެ މަސައްކަތް ނިންމަން ދީފައިވަނީ 73 ދުވަހުގެ މުއްދަތެކެވެ. މަސައްކަތް ނިންމަން ޖެހޭ ތާރީހަކީ 23 އޮކްޓޫބަރު 2023 އެވެ. ނަމަވެސް އެ މުއްދަތަށް އެ މިސްކިތުގެ މަރާމާތުގެ މަސައްކަތް ނިންމާފައިވާ ކަމަށް ކައުންސިލުން ބުނި ނަމަވެސް މިސްކިތުގެ މަސައްކަތް ނިންމާފައިވަނީ 5 ނޮވެމްބަރު 2023 ގައިކަން އެ މަސައްކަތް ހަވާލުކުރި ފަރާތުން ކައުންސިލަށް ހުށަހެޅި ލިޔުމުން އެނގޭ ކަމަށްވެސް އޮޑިޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އެއްފަރާ ކުރެވިދާނެ މަސައްކަތްތައް ބައިބައިކޮށްގެން ވަކި މަސައްކަތްތަކެއްގެ ގޮތުގައި ކޮށްފައިވުމާއި ބީލަމާ އެކީގައި ހުށަހަޅަން ޖެހޭ ލިޔުންތައް ފުރިހަމަ ނުވާ ބީލަންތައް ބަލައިގެންފައިވުމާއި ގަވައިދާ އެއްގޮތަށް ހަރުމުދާ ބަލަހައްޓާފައި ނުވުން ފަދަ ކަންކަންވެސް ފާހަގަކޮށްފައިވެއެވެ

އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި 2023 ވަނަ އަހަރު އޭފަދުށީ ކައުންސިލްގެ ބަޖެޓަކީ 25.7 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އަހަރު ނިމުމުއިރު 17.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ. އެއީ، 5.9 މިލިއަން ރުފިޔާއެވެ.