ސިޔާސީ ދާއިރާއަށް އަންހެނުން ވަނުމަށް ހިތްވަރުދިނުމަށް ރައްޔިތުންގެ މަޖިލީހުން ހިންގާ ކެމްޕެއިން މިއަދު ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އޮސްޓްރޭލިއާ ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ގެންދާ ކެމްޕެއިންގެ ބޭނުމަކީ އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުން ކަމަށެވެ.

އެ ޕްރޮގްރާމް ކުރިއަށްގެންދާނީ މިމަހުގެ 12 ގެ ނިޔަލަށެވެ.

"ޕްރެކްޓިސް ޕާލިމަންޓް ޕްރޮގްރާމް" ނަމުގައި ކުރިއަށްގެންދާ އެ ކެމްޕެއިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 39 އަންހެނުން ބައިވެރިވެފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

އެ ކެމްޕެއިންގައި ގުޑް ގަވަނެންސް، ޑިމޮކްރަސީ، ކޮރަޕްޝަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ލާމަރުކަޒީ ނިޒާމު އަދި ޖެންޑާއާ ގުޅޭ މައްސަލަތައް ކިޔައިދޭނެއެވެ.

އަންހެނުންނަށް ހާއްސަކޮށްގެން "ޕްރެކްޓިސް ޕާލިމަންޓް ޕްރޮގްރާމް" ހިންގަމުން އަންނަނީ 2021 ވަނަ އަހަރުން ފެށިގެންނެވެ.

މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި އެ ޕްރޮގްރާމް މިހާތަނަށް 225 އަންހެނުން ވަނީ ފުރިހަމަކޮށްފައެވެ.