މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ރާއްޖެއަށް އެތެރެކުރުން މަނާ ބޭސްތަކަކާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން އިއްޔެ ބުނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އޭނާ ހައްޔަރުކުރީ ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖަންސް ގުޅިގެން މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ / ސާތީ، ހުސައިން ޝާނިމު (24އ) އެވެ.

ފުލުހުން ބުނީ ހުސައިން ޝާނިމު ހައްޔަރުކުރުމަށްފަހު، އޭނާއާ ގުޅުންހުރި ތިން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި އެ ތަންތަން ބަލައިފާސްކުރި އިރު، 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި،ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ފެނިފައިވާ ކަމަށެވެ.

ހުސައިން ޝާނިމުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގުކުރަމުންނެވެ.