ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގަށް ނޭނގި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް އޭނާ ވެއްދި މައްސަަލައިގައި އެ ޕާޓީ ޖޫރިމަނާކުރި ނަމަވެސް ޖިނާއީ ދައުވާކުރާ ވަރަށް ހެކި ނުލިބުނު ކަމަށް ފުލުހުން ބުނެފިއެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދަން ވަގު ފޯމު ފުރި މައްސަލަ ބަލައިދޭން އޭނާގެ ފަރާތުން ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައެވެ.

އެ މައްސަލަ ބެލުމަށް ފަހު މިދިޔަ އަންގާރަ ދުވަހު ތޯރިގަށް ފުލުހުން ދިން ޖަވާބުގައި ބުނީ، ފޯމުގައި ޖަހާފައިވާ ފިންގަޕްރިންޓް ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް ފިންގަޕްރިންޓަކާ ދިމާ ނުވާ ކަމަށާއި އެހެންވެ ދައުވާ ކުރާ ވަރަށް ހެކި ލިބިފައި ނުވާތީ މައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެއީ ސައްހަ ފޯމެއް ކަމަށް ނުފެންނާތީ އިލެކްޝަންސް ކޮމިޝަނަށް އެންގުމުން، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕީއެންސީ 5،000ރ. އިން ޖޫރިމަނާކޮށްފައިވާކަން އަންގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މައްސަލަ ފައިލް ކުރުމުން ތޯރިގް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ފައިލްކުރީ ސްކޭމް ތަކަށާއި އެ ފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމުގައި ދެކޭ ކަމަށެވެ.

"ފޯމު ފުރި މީހުންނާއި ހެކީންނާއި ޗެކުކުރި މީހުންނާއި ފޯމު ހުށަހެޅި މީހުންނާއި އެ މީހުންގެ ސޮޔާއި ފިންގާޕްރިންޓް އެނގެން އޮތްއިރު މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި މައްސަލަ ނިންމާލީ" ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވަނީ އެ މައްސަލަ ބަލައިދިނުމަށް ނެޝަނަލް އިންޓަގްރިޓީ ކޮޮމިޝަނަށާއި ފުލުހުންނަށް ގޮވާލައްވައިފައެވެ.