ގދ. ހޯނޑެއްދޫން ދޫކުރަން ހަމަޖެހިފައިވާ 100 ބަންޑާރަ ގޯއްޗަށް އެދި ފޯމްހުށަހަޅާފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާން ދިން މުއްދަތު މިއަދު ހަމަވާނެ ކަމަށް ހޯނޑެއްދޫ ކައުންސިލުން ބުނެފިއެވެ.

ހޯނޑެއްދޫން ދޫކުރަން ހަމަޖެހިފައިވާ 100 ބަންޑާރަގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވަނީ 286 ފަރާތަކުންނެވެ. އެ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

ހޯނޑެއްދޫ ކައުންސިލުން ލިސްޓު އާންމުކުރުމަށްފަހު ނެރުުނު އިއުލާނުގައި ބުނީ މިއަދުގެ 13:00 ގެ ކުރިން ޝަކުވާ ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު އެ އިދާރާއަށް ހުށަހެޅުމަށެވެ.

ޝަކުވާފޯމް ބަލައިގަތުމުގެ އެންމެ ފަހު ވަގުތަކީ މިއަދުގެ 13:00 އެވެ. ފޯމު ބަލައިގަންނާނީ ހޯނޑެއްދޫ ކައުންސިލުގެ އިދާރާގެ ކައުންޓަރުންނާއި އީމެއިލްގެ ޒަރިއްޔާއިންނެވެ.

ވަގުތީ ލިސްޓުގައި ޕޮއިންޓް ލިބިފައިވާ މިންވަރުން ގޯތި ލިބޭކަމުގައި ވިޔަސް، އެހެން ރަށަކުން އަނބިމީހާ ނުވަތަ ފިރިމީހާ އަދި މައިންބަފައިންނަށް ގޯއްޗެއް ލިބިފައިވުމުގެ ސަބަބުން ޕޮއިންޓް އުނިވެ ގޯތި ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ. އެ މައުލޫމަތު ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ކަށަވަރު ކުރާނެ ކަމަށާއި އެ ސަބަބުތަކާ ހުރެ ގޯތި ނުލިބޭ ފަރާތްތައް، ގޯތި ލިބޭވަރަށް ޕޮއިންޓް ލިބުނު މީހުންގެ ލިސްޓުން އުނިކުރާނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

އޭގެ ސަބަބުން، ކުރީން ގޯތި ލިބޭވަރަށް ޕޮއިންޓް ނުލިބުނު މީހުންގެ ތެރެއިން ބަޔަކަށް ގޯތި ލިބުމުގެ ފުރުސަތު އޮންނާނެކަމަށާއި އަދި އެ މައުލޫމާތު ލިބިފައި ނުވާ ހަ އަތޮޅު ކައުންސިލުން މައުލޫމާތު ލިބުމުން އަންނަ ބަދަލާއެކު އެއްވެސް ބަދަލެއް އަންނަ ނަމަ އެ ބަދަލެއް ވަކީން އެފަރާތްތަކަށް ރަސްމީކޮށް ހިއްސާކުރާނެ ކަމަށްވެސް ހޯނޑެއްދޫ ކައުންސިލުން ބުންޏެވެ.