ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އެވްރެޖު ސްޓޭ އަދަދު 12 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މޭ މަހުގެ ނިޔަލަށް ފަތުރުވެރިން އެވްރެޖުކޮށް ރާއްޖޭގައި ހޭދަކުރީ 6.8 ދުވަހެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި 7.7 ދުވަސް ހޭދަކުރެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބެޑްނައިޓްސް ވެސް ވަނީ މިދިޔަ އަހަރަށް ވުރެ ދަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.1 މިލިއަން ފަތުރުވެރިން އައިސްފައެވެ. އެންމެ ގިނައިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެއީ 141،162 ފަތުރުވެރިންނެވެ.

ރާއްޖޭގައި މި ވަގުތު 64،149 އެނދު ޓޫރިޒަމްގެ ބޭނުމަށް ބޭނުން ކުރަމުން އާދެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރިސޯޓުތަކަށެވެ. އެއީ މާކެޓުގެ 72.4 ޕަސެންޓެވެ. ގެސްޓުހައުސްތަކަށް ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިއިރު، ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ހޮޓާތަކަށެވެ.