އިދިކޮޅު އެމްޑީޕީ މިހާރު އޮތީ ބައިބައިވެފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާ ކުއްލި މައްސަލަތަކުގެ ބޭނުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދިމާއަށް އެއްޗެހި ކިޔުއްވުން ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. \
އެމްޑީޕީން މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބާނާ ކަންނެލި ކިރޭނެ ގޮތެއް ނެތް ކަމަށާއި، ކަންނެލި ކިރުމަށްފަހު ފައިސާ ލިބުން އިންތިހާއަށް ލަސްވާކަމަށް ބުނެ އެވެ.
"ދެން ނާންނާނެ. އެމްޑީޕީއަކަށް ނޯންނާނެ ސަރުކާރާ ބެހޭގޮތުން ހަގީގީ ނުބައި މައްސަލައެއް ހުށަހެޅޭކަށް. މިހާރު މި އަންނަނީ އެމްޑީޕީއަށް މައްސަލަ ހުސްވެގެން އައިސް، އެމްޑީޕީ ސަރުކާރާ ދިމާލަށް އަޅުގަނޑުމެން ލައްވައި އެއްޗެހި ކިޔުއްވަން ހުށައަޅާ މައްސަލަތަކެއް. މިއީ ހަގީގަތުގައި އެމްޑީޕީ ހަތަރު ފަސް ބަޔަށް ބެހިފަ އޮތީމަ މިވާނީ މި މީހުން ލައްވައި ކޮންމެވެސް އެއް ބަޔަކު ކުރުވިކަމަށް. އަނެއް ބަޔަކަށް އެއްޗެހި ކިޔުއްވަންވެގެން. މީގެ ބޭނުމަކީ އިބްރާހީމް މުހައްމަދު ސޯލިހާ ދިމާލަށް އެއްޗެހި ކިޔުއްވުން." ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވާދަކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޕާޓީއާ އަލުން ގުޅިވަޑައިގެންނެވި އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އޭގެ އިތުރުން އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަމުގެ އިޝާރާތެއް ކުރައްވައިފަ އެވެ.
އެހެންވެ އެކަމަށް ފާޑު ވިދާޅުވަމުން ފަލާހު ވަނީ، އެމްޑީޕީން މަޖިލީހަށް މިހާރު ހުށަހަޅާ މައްސަލަތަކަކީ އެ ބޭފުޅުން އަޑީގައި ތިއްބަވައިގެން މެންބަރުން ލައްވައި ކުރުވާ ކަމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"މިއީ އެމްޑީޕީގެ ރިޔާސީ އިންތިހާބަށް މިއަންނަ 2028 ގެ ރިޔާސީ އިންތިހާބަށް އެބޭފުޅުން ކުރާ މަސައްކަތުގައި ހަތަރު ރިޔާސީ ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރަން އެބޭފުޅުން އެއްބަޔަކު އަނެއްބަޔަކަށް މީދެތެރެއިން އިނދަޖައްސާލަން ކުރާ މަސައްކަތަކަށްވަންޏާ މިކަން ރަނގަޅު،" ފަލާހު ވިދާޅުވި އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް