ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ބާނާ ކަންނެލި ކިރޭނެ ގޮތެއް ނެތް ކަމަށާއި، ކަންނެލި ކިރުމަށްފަހު ފައިސާ ލިބުން އިންތިހާއަށް ލަސްވާކަމަށާބުނެ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު (ފިއްޓެ) ހުށަހެޅި އެ މައްސަލަ މަޖިލީހަށް ވަނީ ބަލައިގަނެފަ އެވެ.

ޒިޔާދުގެ ކުއްލި މައްސަލައިގައި ބުނެފައިވާ ގޮތުގައި މިހާރުވެސް 120 ޓަނަށްވުރެ ގިނަ އަދަދެއްގެ ބޮޑުކަންނެލި ނުކިރި އެބަހުއްޓެވެ. އެ ކަންނެލި ނުކިރި ބަހައްޓާން ޖެހުމުގެ ސަބަބުން ހަލާކުވުމުގެ ބިރު އެބައޮތް ކަމަށް ބުނެ ކަންނެލި މަސްވެރީން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ކަންނެލި ކިރަން އެތައް ދުވަހެއް ވާންދެން މަސްވެރީން ކިޔުގައި ތިބެން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- (ފޮޓޯ/ މަޖިލިސް)

އެ ކުއްލި މައްސަލައިގައި ދެން ބުނެފައިވަނީ:

  • މަސްވެރިކަން ރަނގަޅުވާ ކޮންމެ ފަހަރަކު އެކަށީގެންވާ ވަރަށް މަސް ކިރޭނެ ގޮތް ހަމަޖެހިފައި ނެތުމުން މަސްވެރީންނަށް ތަކުލީފު އުފުލަން ޖެހިފައިވާ ކަމަށް
  • މަހުގެ ޑިމާންޑު ބޮޑުވަމުންދާ ދަނޑިވަޅުތަކުގައިވެސް ރަނގަޅު އަގުގައި މަސް ނުވިއްކޭ ކަމުގެ ކަންބޮޑުވުން މަސްވެރީން ފާޅުކުރަމުންދާ ކަމަށް
  • އެކަމުގެ ސަބަބުން މަސްވެރީންގެ އަދި މަސްވެރިންގެ އާއިލާތަކުގެ މާލީ ހާލަތު ދަށްވެ މުޅި މުޖުތަމައުގެ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމަށް

ބޮޑު ކަންނެލި މި ވަގުތު ގަންނަނީ އަމިއްލަ ފަރާތްތަކުންނެވެ. ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން ގަންނަނީ ކަޅުބިލަމަސް އެކަންޏެވެ.