އެމެރިކާގައި މިހާރު ބާއްވަމުންދާ ކްލަބު ވޯލްޑް ކަޕަކީ ފުޓުބޯޅަ މުބާރާތުގެ ނޭދެވޭ އަސަރު ކުޅުންތެރީންނަށް ބޮޑު މުބާރާތެއް ކަމަށާއި، އެ ގެއްލުންތައް ކުޑަކުރަން ވިސްނަން ޖެހިފައިވާ ކަމަށް ދުނިޔޭގެ ޕްރޮފެޝަނަލް ކުޅުންތެރިންގެ ޔޫނިއަން، ފިފްޕްރޯއިން ބުނެފިއެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ކްލަބު ވޯލްޑް ކަޕަށް އެކި ގޮތްގޮތުން ވަނީ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ސީޒަން ނިމުމާއެކު ބޮޑު މުބާރާތެއް ކުޅެން ޖެހުމުން ކުޅުންތެރީންނަށް ބޮޑެތި އުނދަގޫތަކަކާ ކުރުމަތިލާން ޖެހުމުން ކޯޗުންވެސް އެކަމަށް ފާޑު ކިޔާފައިވެއެވެ.
އޭގެ އިތުރުން އެެމެރިކާއަކީ އެންމެ ރަނގަޅު ހޯސްޓް ނޫން ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ފްރާންސްގެ ކުޅުންތެރީންގެ ޔޫނިއަނުންވެސް ބުނީ އެމެރިކާގައި މުބާރާތް ބާއްވައިގެން ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ އަންނަނީ ކުޅުންތެރިން "މަރަމުން" ކަމަށެވެ.
ފިފްޕްރޯއިން ބުނީ އެމެރިކާގެ ހޫނުމިން މަތިކަމުން އަންނަ އަހަރުގެ ވޯލްޑް ކަޕަށްވެސް ވިސްނަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ވޯލްޑް ކަޕުގެ މެޗުތައް ބާއްވާ 16 ސިޓީގެ ތެރެއިން ނުވަ ސިޓީއަކީ ހޫނު ގަދަކަމުން ގެއްލުންތައް ކުރިމަތިވާނެ ފަދަ ހީޓް ވޭވްތައް އައުން ގާތް ސިޓީތައް ކަމަށްވެސް ފިފްޕްރޯއިން ބުނެފައިވެއެވެ،
މިހާރު ބައެއްް ސްޓޭޑިއަމްތަކުގައި ފަންކާއާއި ފެން ފޮނުވާ ބައެއް ސިސްޓަމްތައް ބެހެއްޓި ނަމަވެސް، އެ ސިސްޓަމްތަކުން އެކަށީގެންވާ ވަރަށް ފިނި ނުކޮށްދޭ އިރު، މެޗުތައް ކުޅެމުން އަންނަ ގަޑިއަށް ބަދަލު ގެންނަންވެސް ވިސްނަން ޖެހޭ ކަމަށް ފިފްޕްރޯއިން ބުންޏެވެ.
ކުޅުންތެރީންގެ ރައްކާތެރިކަމަށް ބަލައި، ވެޓް ބަލްބް ގްލޯބް ޓެމްޕަރޭޗާއަކީ ހޫނު މިނާއި ވައިގެ ތެތްކަން، ސޯލާ ރޭޑިއޭޝަން އަދި ވައިގެ ސްޕީޑަށްވެސް ބަލައިގެން ތައްޔާރުކުރާ މިންގަނޑެކެވެ. އެ މިންގަނޑުގައި ވާގޮތުން 28 ޑިގްރީ ޝެލްސިއަސްއަށްވުރެ ހޫނުމިން މަތިވެއްޖެ ނަމަ، ހާލަތު ބަލަން މަޖުބޫރެވެ.
ފިފްޕްރޯއިން ބުނީ މެޗުތަކުގެ ތެރެއިން 30 ވަނަ މިނެޓާއި 75 ވަނަ މިނެޓުގައި ކޫލިން ބްރޭކް ދޭން ނިންމަން ޖެހިދާނެ ކަމަށެވެ. އަދި ހާފު ނިމުމުން ދޭ ހާފް ޓައިމް ބްރޭކް، 20 މިނެޓް، ނޫނީ 15 މިނެޓަށް ދިގު ދަންމާލަންވެސް ހުށަހަޅަން ވިސްނާ ކަމަށް ފިފްޕްރޯއިން ބުންޏެވެ.
ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި އެމެރިކާގައި ވޯލްޑް ކަޕް ކުޅެން އެންމެ ރަނގަޅީ ހެނދުނަށް މެޗުތައް ތާވަލުކޮށްގެންނެވެ. އެހެން ނަމަވެސް، ޓިކެޓް ވިކުން މަދުކަމުން އެ ކަމަށް މިހާރުވެސް ވިސްނެން ނެތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މުޙައްމަދު ޝަމްޢޫން
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް