މިއަދުން ފެށިގެން ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރާ ސައިޓުތަކުން ވިޔަފާރިކުރާ ނަމަ 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ބީއެމްއެލް އިން އިއްޔެ ނިންމުމުން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ ފަރާތުން އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ.
އެ މައްސަލަ ބަލައިގަނެ މަޖިލީހުގައި ބަހުސްކުރަން ފެނޭތޯ ބަލަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވީ މައްސަަލަ ބޭރުކޮށްލުމަށެވެ. އެ މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 11 މެންބަރުން އެކަންޏެވެ.
ބީއެމްއެލް އިން އިއްޔެ ބުނިގޮތުގައި އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކަ އެވެ.
އެގޮތަށް ފާހަގަކުރެވޭ "މަދު ސައިޓްތަކުން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުނެފައިވެ އެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހީން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެ އެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ އެގޮތަށް ސަރުކާރަށް ޑޮލަރު ހޯދުމުގެ ގޮތުން ބޭރު ފައިސާ މާރުކުރުމާއި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ އުސޫލުތަކަށް ގެންނަމުންދާ މިފަދަ ކުއްލި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ.
"މިކަންކަމަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކިއެކި ބޭނުންތަކުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވާނޭ ކަންކަން." އެ ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
މައުރޫފްގެ ކުއްލި މައްސަލައިގައި ދެން ފާހަގަކުރައްވައިފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- އެކަމުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް އުފުލިދާނެ
- ޑޮލަރު ނުލިބުމުގެ ސަބަބުން ބައެއް މުދާ އިމްޕޯޓްކުރުން ވިޔަފާރިވެރިންނަށް ހުއްޓާލަން ޖެހިދާނެ
- އޭރުން ރާއްޖޭން ގިނަ ބާވަތްތަކުގެ އަސާސީ ތަކެއްޗާއި ކާބޯތަކެތި އިތުރަށް އަގުބޮޑުވެދާނެ، ނުވަތަ ލިބުން ދަތިވުން ނުވަތަ ބައެއް ތަކެތި ހުސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް
އޭގެ އިތުރުން އެ މައްސަލައިގައި، ރިސޯޓުތަކާއި ޓޫރިޒަމް ވިޔަފާރިތަކުން ވަކިވަރަކަށް އެމްއެމްއޭއަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި ބަދަލާމެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މައުރޫފް ވިދާޅުވީ އެގޮތަށް ސަރުކާރަށް ޑޮލަރު ނެގުމުގެ ސަބަބުން މުދާ އިމްޕޯޓުކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވުމާއި އަދި ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ވެސް ހުއްޓިފައިވާ ކަމަށެވެ.
"އިސްވެ ދެންނެވުނު ކަންކަމަކީ ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް ކަމެއް ކަމަށްވެފައި މުޖުތަމައުގެ އާންމު މަސްލަހަތާ ސީދާ ގުޅުފައިވާ ކަމެއް ކަމަށްވީ ސަބަބަށްޓައި ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމުގެ ގޮތުން މިކަމާމެދު ބަހުސްކުރުމަށްޓައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގެ (ހ)ގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަމެވެ،" ކުއްލި މައްސަލަ ނިންމާލަމުން މައުރޫފް ވިދާޅުވެފައިވެ އެވެ.
އާއިޝަތު މާހާ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް