ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އޮތީ އެ އުޅަނދުގެ އިންޖީނު ރޫމްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި އެ އުޅަނދުގައި ހަ މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ސިފައިންނާއި އެއް އާންމު ފަރާތް އަދި ތިން ބިދޭސީންނެވެ.

އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް، އޭގެ ތެރެއިން އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ. ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު ބުނީ އެ ހާދިސާއާ ގުޅިގެން އެތެރޭގެ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ. ލޭންޑިން ކްރާފްޓަށް އެއްޗެއް ބަރުކުރެވޭނީ ސީދާ ކެޕްޓަންގެ ބެލުމުގެ ދަށުން ކަމަށާއި އުޅަނދު އެއްވެސް ބަނދަރަކުން ފުރާނީ ވެސް އުޅަނދުގެ ހާލަތަށާއި މޫސުމަށް ބަލައިގެން އުޅަނދުގެ ކެޕްޓަން ނިންމާ ނިންމުމެއްގެ މައްޗަށް ކަމުން، އުޅަނދަށް ބަރުކުރުމާއި ފުރުމުގައި ކެޕްޓަންގެ މައްޗަށް މަޖުބޫރުން އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ވޮރަންޓް އޮފިސަރު 2 އަލީ ހާމިދުގެ ހަށިގަނޑު ނެގީ ބަންޑުން ޖަހާލާފައިވާ ލޭންޑިން ކްރާފްޓުގެ ވީލްހައުސް ތެރެއިންނެވެ. އަދި ގެއްލުނު ބިދޭސީ ފަޅުވެރިޔާ އިންޖީނު ރޫމުގެ ތެރޭގައި ވީކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓް ފެތިފައިވަނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާ އެއް މޭލު ދުރުން، 550 މީޓަރު އަޑިއަށެވެ..،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި ފަސް ވަރަކަށް މޭލަށް ކައިރިވެފައިވަނިކޮށް، ދިޔަވާން ފަށައި، ކުއްލިއަކަށް ލޭންޑިން ކްރާފްޓް އަދި އަޅާލައިގެންކަން އުޅަނދުގެ ކެޕްޓަން މައުލޫމާތުދީފައިވާ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތް އެމްއެންޑީއެފުން އެކަމަށް ކަނޑައަޅާފައިވާ ބޯޑުން އިތުރަށް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ލޭންޑިން ކްރާފްޓަށް ދިޔަވެގެން އަރި އަޅާލައިގެންދިޔަ ވަގުތު ލޭންޑިން ކްރާފްޓުގެ ކެޕްޓަނާއި ވޮރަންޓް އޮފިސަރު އަލީ ހާމިދާ ދެމީހުން ތިބީ އުޅަނދުގެ ވީލްހައުސްގެ ތެރޭގައި ކަމަށާއި އެ ވަގުތު އިންޖީނު ރޫމްގެ ތެރޭގައި ހުރީ ގެއްލިގެން ހޯދާ ބިދޭސީ މީހާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.