ރާއްޖެ އިން ބާރުއަޅަނީ މިންތީގެ ހަމަހަމަކަން މަޖިލީހުގައި ގާއިމުކުރަންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޕާލަމެންޓޭރިޒަމް ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަނގަޅު ވެރިކަމެއް ކުރުމަށާއި ޑިމޮކްރަސީ ދަމަހައްޓަން މަޖިލީހަކީ މުހިންމު އިދާރާއެއް ކަމަށެވެ. ރައީސް ވިދާޅުވީ އެފަދަ މުހިންމު މަސައްކަތެއް ކުރަމުން އަންނަ ތަނެއްގައި އަންހެނުންގެ އަދަދު މަދުވުމަކީ އެ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ބޮޑު މައްސަލައެއް ކަމަށެވެ.
"ރާއްޖެއިން މަސައްކަތްކުރަނީ މަޖިލީހަކީ މިންތީގެ ހަމަހަމަކަން ގާއިމުވެފައިވާ ތަނަކަށް ހެދުމަށް. އަދި މަޖިލީހަކީ އެންމެން ޝާމިލުވާ ތަނަށް ހެދުމަށް" ރައީސް ވިދާޅުވިއެވެ.
މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާތަނެއްކަން ކަށަވަރުކުރަން ޖެހޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ދެހާސް ތޭވީސްވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސްވަނީ ޕީޕީއެމް (މިހާރު އުވާލެވިފައި)/ޕީއެންސީންގެ ފަރާތުން މަޖިލީހަށް އިންތިހާބުވާ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރައާއި އެލަވަންސްގެ އިތުރުން ޕާޓީން ހާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނު އެގޮތަށް ވިދާޅުވެފައިވަނީ 29 އޮކްޓޯބަރ 2023 ވަނަ ދުވަހު މަޖިލީހަށް އަންހެނުން ނެރުމަށް ހައްސަކޮށްގެން ތައްޔާރުކޮށްފައިވާ، "ކުރިއަށް އަންހެނުން" ޕޯސްޓަރާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެވަޑައިގެން، ހޮވިގެން ދިއުމަކީ އެ މަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީން މަޖިލީހުގެ މަދުވެގެން 20 ޕަސެންޓް ގޮނޑިއަށް އަންހެން ބޭފުޅުން ކުރިމަތިލައްވައި ހޮވުމަށް މަސައްކަތްކުރެއްވުމަށް ވެސް އެ މަނިކުފާނު ވަނީ އެ ޕޯސްޓުގައި ގޮވާލައްވައިފައެވެ.
މަޖިލީހަށް ހޮވިވަޑައިގަންނަވާ އަންހެން މެންބަރުންނަށް ޕާޓީ އެލަވަންސް ހަމަޖައްސަން މަސައްކަތް ކުރައްވަނީ، އެކަމަށް ހިތްވަރު ދެއްވުމުމުގެ ގޮތުން ކަމަށްވެސް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު