ފަނޑިޔާރުންގެ ގާނޫނުން ސުލޫކީ މިންގަނޑު ބަޔާންކުރާ މާއްދާ އުނިކޮށް، ތަފްސީލްކޮށް އިތުރު ބާބެއް ހިމަނަން މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.

އެ ބިލުގައިވަނީ އަމިއްލައަށް ފަނޑިޔާރުކަމުން އިސްތިއުފާ ދީގެން ނުވަތަ މަގާމުން ވަކިކުރާ ފަނޑިޔާރަކަށް ދެ އަހަރުގެ މުއްދަތަކަށް ވަކީލުކަން ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަންވެސް އިސްލާހު ހުށަހަޅާފަ އެވެ. އަދި އެގޮތަށް ވަކީލެއްގެ ގޮތުގައި ހާޒިރު ނުވެވޭނީ ފާއިތުވި ތިން އަހަރު އޭނާ މަގާމު އަދާ ކުރި ކޯޓަކަށް ކަމަށެވެ.

ފަނޑިޔާރުންނަށް ޖޭއެސްސީން ހުއްދަކުރާ އަދި ފަނޑިޔާރުކަމުގެ މިނިވަންކަމަށް އަސަރު ނުކުރާނެ މަސައްކަތްތައް ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް، ފަނޑިޔާރުކަމުގައި ދެމިހުންނަ މުއްދަތުގައި ދައުލަތުގެ އެހެން އެއްވެސް މަގާމެއް ނުވަތަ އަމިއްލަ ފަރާތެއްގެ ވަޒީފާއެއް އަދާކުރުމަކީ މަނާކަމެކެވެ.

އޭގެ އިތުރުން، ދެ އަހަރު ފަހުން ވެސް އަދި އެހެން ކޯޓެއްގައި ވެސް ބައެއް ހާލަތްތަކުގައި ވަކީލުކަން ނުކުރެވޭ ގޮތަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފަނޑިޔާރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މަގާމުގެ މުއްދަތުގައި ބަލާފައިވާ މައްސަލައެއްގައި، އެ މީހެއްގެ މަސްލަހަތު ފުށުއަރާ ހާލަތެއް ދެމިއޮތްހާ ހިނދަކު، ދެ އަހަރުގެ މުއްދަތުގައި ވެސް އަދި އެ މުއްދަތު ފަހަނައަޅާ ފަހުން ވެސް އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުންހުރި އެހެން އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރެއް ނުވެވޭނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ ނޫން ވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ.

ފަނޑިޔާރުންނަށް ދައުލަތުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ ފަންޑުތަކުގައި ބައިވެރިވެވޭނެ ކަމަށާއި އެހެންނަމަވެސް، އަމިއްލައަށް ފަންޑެއް ހިންގުމާއި، ސެކިއުރިޓީޒްގެ ވިޔަފާރިކުރުމާއި، ލޯފާމް ހިންގުން ފަދަ ކަންކަން ވަނީ މަނާކޮށްފަ އެވެ.

އަދި ދައުލަތުގެ މުދަލާއި ބިން ގަތުމާއި ކުއްޔަށް ހިފުމާއި، ދައުލަތުގެ އެއްވެސް މުއާމަލާތެއްގައި މަސްލަހަތު ބެހެއްޓުމަކީވެސް މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅައިފަ އެވެ.

އެ ބިލުގައި ދެން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި:

  • ފަނޑިޔާރުންނަކީ އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރާ ބަޔަކަށް ވެގެން ނުވާނެ
  • ފަނޑިޔާރަކަށް ޕަބްލިކް ކުންފުނިތަކުގެ މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި ހުރެވިދާނެ
  • އަދި އަމިއްލަ މުދާ އާންމު އަގުގައި ވިއްކުމާއި ކުއްޔަށް ދެވޭނެ؛ އެއީ ވިޔަފާރީގެ ގޮތުގައި ނުބެލެވޭނެ
  • މައްސަލައެއް ހަވާލުކުރާތާ އަހަރެއްގެ ތެރޭގައި ނިންމައިނުލެވޭނަމަ، އެކަން ސަބަބާއެކު އިސްފަނޑިޔާރަށާއި ޖޭއެސްސީއަށް އަންގަން ޖެހޭނެ
  • އަދި އެ މައްސަލަ ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަހަކު އެއް ފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދޭން ޖެހޭނެ
  • މިހާރު ގާނޫނުގައި އޮންނަނީ މައްސަލައާ ހަވާލުވާތާ ހަ މަސް ދުވަހުގެ ތެރޭގައި މައްސަލައިގައި ގޮތެއް ކަނޑައެޅިފައި ނުވާ ނަމަ، އެކަން އިސް ގާޒީއަށް އެންގުމަށް

އަދި ފަނޑިޔާރުންގެ މަގާމުގެ ކުރިއެރުމަށްޓަކައި ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެމީހުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް، އެކަމުގެ ތަފްސީލީ ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓުގެ ކޮޕީއެއް ކަމާބެހޭ ފަނޑިޔާރަށް ދޭންޖެހޭނެ ކަމަށްވެސް ބިލުގައިވަނީ ހިމަނާފަ އެވެ.