ރާއްޖޭން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައްވެސް ރާއްޖެއިން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ބުނެފިއެވެ.

ބީއެމްއެލްއިން މިއަދު ވަނީ އެ ބޭންކުގެ ޑެބިޓް ކާޑުތަކަށް ކުރިން ކަނޑައަޅާފައިވާ 250 ޑޮލަރުގެ ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފައެވެ.

އެކަން ހާމަކޮށް އިތުރު މައުލޫމާތު ދިނުމުގެ ގޮތުން މީޑިއާތަކަށް ފޮނުވި ސްޓޭޓްމެންޓެއްގައި ބީއެމްއެލްއިން ބުނީ ޑެބިޓް ކާޑުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރި ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓުތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

"ރާއްޖޭން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައްވެސް ރާއްޖެއިން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ" ބީއެމްއެލުން ބުންޏެވެ.

"އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރެވެ. އަދި އޭޓީއެމްއިން ފައިސާ ނަގަން ޗާޖް ކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރެވެ."

ބީއެމްއެލުން ބުނީ ޑެބިޓް ކާޑުތަކުން ރާއްޖޭއިން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ.

"އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓުތަކުން (މިވަގުތު، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން އެކަނި) ފައިސާ ދައްކާއިރު 30 ޕަސަންޓާ ހަމައަށް ފީއެއް ނެގޭނެއެވެ." ބީއެމްއެލުން ބުންޏެވެ.

އެ ފީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުން އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތައް ނުހިމެނޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

"ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައެވެ." ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން އިސްކަންދެނީ ރާއްޖެއިން ބޭރުން ޑެބިޓް ކާޑުތަކުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައަޅާ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށްކަމަށް ބީއެމްއެލުން ބުންޏެވެ.