އައްޑޫ ސިޓީގެ ހަންކެޑެ އަކީ "ހަލާލް ޓޫރިޒަމް"އަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެކަން އިއުލާންކުރަމުން ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ހަ އަތޮޅުގެ ތެރެއިން އައްޑޫ ސިޓީގައި ހަލާލް ޓޫރިޒަމް ތަރައްގީކުރުމަށް ރައީސް ނިންމަވާފައިވަނީ ހަންކެޑެ ގައެވެ. އޭގެ އިތުރުން ޓޫރިސް ރިސޯޓު މަދު ހއ، ހދ، ށ، ތ އަދި ލ އަތޮޅުގައި ވެސް، އެއިން ކޮންމެ އަތޮޅެއްގައި ހަލާލް ޓޫރިޒަމްގެ އެއް މަޝްރޫއު ހިންގުމަށް ވަނީ ނިންމަވައިފައެވެ.
މިނިސްޓްރީން ބުނީ ހަންކެޑެ އަކީ ހަލާލް ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ރައީސް ނިންމެވުމާ ގުޅިގެން އެ މިނިސްޓްރީން އެ މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ހަލާލު ޓޫރިޒަމަކީ ހާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހުމާނުންނަށްވެސް މެހުމާންދާރީ އަދާކުރެވޭގޮތަށް، ފަރުމާކުރެވިފައިވާ ހިދުމަތްތަކެކެވެ. މި ކޮންސެޕްޓް ތަންފީޒުކުރެވިގެން ދާނީ ރިސޯޓު ތަރައްގީކުރެވޭ މަރުހަލާގެ ތެރެއިންނާއި އަދި ރިޒޯޓް އޮޕަރޭޝަންސްގެ މަރުހަލާގައެވެ..،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އައްޑޫގެ ހަންކެޑެގައި ތަރައްގީކުރެވިގެންދާ "ހަލާލް ޓޫރިޒަމް" ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި އެފަދައިން ތަރައްގީކުރާ ރިސޯޓުތަކުގެ ސަބަބުން އެ ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސޯދީ ދުވެލި ހަލުވިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންގިލާބީ ބަދަލެއް ގެންނަ ހެންކެޑެ މަޝްރޫއުގެ ބިންގާ، މިދިޔަ އަހަރު ވަނީ އަޅައިފައެވެ. އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ނުހެދި އޮތް އައްޑޫ ހަންކެޑެ ތަރައްގީކުރުމުގެ މަޝްރޫއު ސީއެންއީއީސީ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ކުންފުނިން ހަންކެޑެގައި 1،041 ކޮޓަރި ހެދުމަށް ވަނީ ނިންމައިފައެވެ. އެއީ 2،082 ޓުރީސްޓު އެނދެވެ. ހަންކެޑެގައި އެއްފަހަރާ 25،000 ޓޫރިސްޓުންނަށް ހިދުމަތް ދެވެން ހުންނާނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ގަރާރަކުން ސަރުކާރުގެ ޓުއަރިޒަމް ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ސަރަހައްދަކަށް ހަންކެޑެ ކަނޑައަޅުއްވާފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރަން މިހާތަނަށް ފަސް ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެކަން ހަގީގަތަކަށް ނުވެ އޮއްވައި ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާއްމުކޮށްފައެވެ.
ހަންކެޑެ މަޝްރޫއުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ހަންކެޑެ އަކީ ހަލާލް ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ރައީސް ކަނޑައެޅުއްވި އިރު، ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ހއ، ހދ، ށ، ތ، ލ އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް އެ ސަރަހައްދުތަކުގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ދިނުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ. އަދި އެ ލުއިތަކާއެކު ހިންގާ މަޝްރޫއުތަކުގެ ތަފްސީލުތައް ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ލީސް އެކުއިޒިޝަންގެ ޕާ ހެކްޓަރު ރޭޓްތައް ވަނީ ކުޑަކުރެވިފައެވެ.
ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ކްލޯޒް ބިޑިންގެ ދަށުން ވެސް ލުއިތަކެއް ވަނީ ދީފައެވެ. އެއީ؛
- ތ އަތޮޅުގެ ރަށްރަށަށް އިން ލޮކޭޝަން ޕްރެމިއަމް އުނިކުރުން.
- ހއ، ހދ ،ށ، ތ އަދި އައްޑޫ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރީމިއަމް ފަޅުތަކުން އުނިކުރުން.
- ލ އަތޮޅުގެ ފަޅުތަކުގެ ލޮކޭޝަން ޕްރެމިއަމް 150،000 އެމެރިކާ ޑޮލަރުން 100،000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
- ހއ، ހދ، ށ ތ އަދި ލ އަތޮޅުގެ ފަޅުތަކުގެ ޕްރީމިއަމް 30 ޕަސަންޓު ކުޑަކުރުން.
އޭގެ އިތުރުން ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ވެސް ލުއިތަކެއް ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ؛
- ހއ، ހދ ، ށ، ތ، ލ އަދި އައްޑު އަތޮޅުގެ 20 – 40 ހެކްޓަރުގެ ރަށްތަކަށް ދީފައިވާ ސައިޒް ޕްރެމިއަމްތައް އުނިކުރުން.
- ހަ އަތޮޅުގެ 40 ހެކްޓަރަށްވުރެ ބޮޑެތި ރަށްތަކަށް ދީފައިވާ ސައިޒް ޕްރިމިއަމްތައް 2،000،000 އެމެރިކާ ޑޮލަރުން 1،000.000 އެމެރިކާ ޑޮލަރަށް ކުޑަކުރުން.
ޓޫރިޒަމް މިނިސްޓްރީން ބުނީ އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވުމުން، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދޭނެ ކަމަށެވެ.
އާންމުކޮށް ހުޅުވާލައިގެން (އޯޕަން ބިޑިންގ އުސޫލުން) އާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފު ކުރެވޭ އިންސައްތަ 15 އިންސައްތައަށް އިތުރުކުރުން އަދި ޑިއުޓީ މައާފުކުރެވޭ ކެޓަގަރީތައް އިތުރުކޮށްދިނުމަށް ވަނީ ނިންމައިފައެވެ. އަދި، އެ ލުއިތަކުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މައާފު ކެޓެގަރީއަށް އިތުރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން އޯޕަން ބިޑިންއަށް ހުޅުވާލާ ރަށްތަކާއި ފަޅުތަކުގެ ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ވެސް ފަހިކޮށްދިނުމަށް ވަނީ ނިންމައިފައެވެ.
މިނިސްޓްރީން ބުނީ އެ ލުއިތަކުގެ ސަބަބުން އެ އަތޮޅުތަކުގައި ޓޫރިޒަމް ފުޅާވެ، ހަ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
"އަދި އާ ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، މި ސަރަހައްދުތަކުގައި ދިރިއުޅޭ އާއިލާތަކާއި ރަށު ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުވުމާއި އިގްތިސާދީ ހަރަކާތްތައް ފުޅާވެގެން ދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފަތުރުވެރިކަމުގެ ސިނާއަތުން ނަފާ ލިބޭނެ މަގުފަހިވެގެންދާނެއެވެ..،" މިނިސްޓްރީން ބުންޏެވެ.
އެ ލުއިތަކާއެކު ހއ، ހދ، ށ، ތ އަދި ލ އަތޮޅުން 31 ޕްރޮޖެކްޓް އޯޕަން ބިޑިން، ކްލޯޒް ބިޑިން އަދި ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ތަރައްގީކުރުމަށް މިނިސްޓްރީން ވަނީ ހުޅުވާލައިފައެވެ. އެގޮތުން އެ ފަސް އަތޮޅަކުން ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް އެއް ޕްރޮޖެކްޓް ކަނޑައެޅިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކްލޯޒް ބިޑިންގެ ދަށުން:
- ހއ އަތޮޅުން ދެ ޕްރޮޖެކްޓް
- ހދ އަތޮޅުން ފަސް ޕްރޮޖެކްޓް
- ތ އަތޮޅުން ތިން ޕްރޮޖެކްޓް
- ލ އަތޮޅުން ދެ ޕްރޮޖެކްޓް
އޯޕަން ބިޑިންގެ ދަށުން:
- ހއ އަތޮޅުން ތިން ޕްރޮޖެކްޓް
- ހދ އަތޮޅުން ފަސް ޕްރޮޖެކްޓް
- ށ އަތޮޅުން ތިން ޕްރޮޖެކްޓް
- ތ އަތޮޅުން ދެ ޕްރޮޖެކްޓް
- ލ އަތޮޅުން އެއް ޕްރޮޖެކްޓް
އައްޑޫ ސިޓީ
އައްޑޫ ސިޓީ
އައްޑޫ ސިޓީ