އެމެރިކާގައި ކުރިއަށްދާ ފީފާ ކްލަބު ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލް ފުރަތަމަ ޖާގަތައް ޗެލްސީއާއި ބްރެޒިލްގެ ޕަލްމެއިރާސްއިން ހޯދައިފިއެވެ.

މިއަހަރުގެ ކްލަބު ވޯލްޑް ކަޕް މުޅިން އާ ފޯމެޓަކަށް ފީފާއިން ކުރިއަށް ގެންދަނީ 32 ޓީމާއެކުގައެވެ. އެމެރިކާގައި މުބާރާތް ހޯސްޓް ކުރަމުން އަންނަ އިރު، ފިލަޑެލްފިއާގެ ލިންކޮން ފައިނޭންޝަލް ފީލްޑްގައި ޕަލްމެއިރާސްއިން ކުއާޓާ ޔަގީންކުރީ ބޮޓަފޯގޯ ކައިރިން 1-0 އިން މޮޅުވެގެންނެވެ.

ބްރެޒިލްގެ ދެ ޓީމު ވާދަކުރި ފޯރިގަދަ މެޗުގައި ކާޑުތައް ގިނަކޮށް ފެނިގެން ގޮސްފައިވާ އިރު، ދެޓީމުންވެސް ގިނަ ހަމަލާތައް އުފެއްދީ މެޗު ނިމެން ދަނިކޮށެވެ. ޕަލްމެއިރާސްގެ އެސްޓެވާއޯ ވިލިއަމްގެ ނުރައްކާ ފާހަގަވުމުގެ އިތުރުން ބޮޓަފޯގޯގެ ރިއޯސްގެ ހަމަލާއެއް ފެނިގެން ގޮސްފައިވާ އިރު، އެ ހަމަލާތަކާއެކުވެސް ފުރިހަމަ ވަގުތު ނިމުނީ ގޯލެއް ނުޖެހިއެވެ.

އިތުރު ވަގުތަށް ގޮސް، މެޗުގެ ހަމައެކަނި ގޯލު ޖެހީ ބަޔާން ލެވަކޫސަންއަށް ކުރިން ކުޅުނު ޕައުލީނިއޯ އެވެ. އޭނާ އަރިމަތިން ވަދެ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށްލީ ތިރިތިރީންނެވެ.

ޕަލްމެއިރާސްއިން މެޗު ނިންމާލީ ކުޅުންތެރިޔަކު މަދުކޮށެވެ. އެޓީމުގެ ކެޕްޓަން ގުސްޓާވޯ ގޮމޭޒްއަށް ދެއްކި ރަތް ކާޑާއެކު ކުޅުންތެރިޔަކު މަދުވި ނަމަވެސް، މެޗު ނިންމާލީ ރަނގަޅަށް ޑިފެންސް ކޮށްގެންނެވެ.

ޗެލްސީން ބޭންކް އޮފް އެމެރިކާގެ ދަނޑުގައި ކުޅުނު މެޗުގައިވެސް ގޯލުތައް ފެނުނީ އިތުރު ވަގުތުގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތް އިރު، ޗެލްސީން މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ރީސް ޖޭމްސްގެ ހިލޭ ޖެހުމަކުން ޗެލްސީ ލީޑު ނެގި އިރު، އެ ގޯލާއެކު މެޗު ދިޔައީ ނިމޭށެވެ. އެހެން ނަމަވެސް، އެންމެ ފަހު ސިކުންތު ބެންފިކާއަށް ލިބުނު ޕެނަލްޓީއެއްގައި އެންހޭލް ޑި މާރިއާ ވަނީ މެޗު އެއްވަރުކޮށްފައެވެ.

އިތުރު ވަގުތު ފެށިގެން މާ ގިނައިރެއް ނުވެ، ޖިއާންލޫކާ ޕްރެސްޓިއާނީއަށް ރަތް ކާޑު ދައްކާފައިވާ އިރު، އޭގެ ފައިދާ ޗެލްސީން ނެގީ އިތުރު ތިން ގޯލު ޖަހައިގެންނެވެ.

އެ ގޯލުތައް ޖެހީ ކްރިސްޓޮފާ އެންކުންކޫއާއި ކީނަން ޑިއުސްބަރީ-ހޯލް އަދި ޕެޑްރޯ ނެޓޯއެވެ.

ޗެލްސީ މެޗު ރޭ ފެށުނީ ދެ ގަޑިއިރު ފަހުންނެވެ. އެއީ ތޫފާނެއްގެ އެލާޓާއެކުގައެވެ. މިހާތަނަށް ކްލަބު ވޯލްޑް ކަޕުގައި މޫސުމުގެ މައްސަލަތަކާ ހެދި ބައެއް މެޗުތައް ފެށުން ވަނީ ލަސްވެފައެވެ.