ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެ ދަރިވަރުންނާއި ޓީޗަރަށް އަދިވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އެ އެކްސިޑެންޓާ ގުޅޭގޮތުން ފުލުހުން މިއަދު "ވަން" އަށް ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ 7:30 ހާއިރު ފައިނުގައި 18 އަހަރު ނުފުރޭ ކުއްޖަކު ދުއްވި ސައިކަލަކުން މަގުމަތީގައި ކަސްރަތު ކުރަން ތިބި ބަޔަކު ގައިގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލައެއް އެ ރޭގެ 8:23 ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ.
އެ އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ ފިރިހެން ކުދިންނަށާއި ކަސްރަތު ކުރަން ތިބި ދެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެތެރެއިން ސައިކަލުގައި ތިބި ދެ ކުދިންނަށާއި 49 އަހަރުގެ ފިރިހެނަކަށް ސިރިއަސް އަނިޔާތަކެއްވެފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނުގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާ ލިބުނީ އެ ރަށުގެ ޕްރިންސިޕަލަށާއި ޓީޗަރަކު ހިމެނޭހެން ދެ ދަރިވަރަކަށެވެ.
އައިޖީއެމްއެޗް މީޑިއާއިން މިއަދު "ވަން" އަށް ބުނީ ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އިތުރު ފަރުވާއަށް މާލެ ގެނައި ތިން މީހުންނަވެސް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
"އެއީ 49 އަހަރުގެ މީހަކާއި 16 އަހަރު އަދި 14 އަހަރުގެ ދެ ފިރިހެން ކުދިން. މާލެ ގެނައި އިއްޔެގެ ދުވާލުގެ ވަގުތެއްގައި. ހާލު ސީރިއަށް،" އައިޖީއެމްއެޗްއިން ބުންޏެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ޓޯކޮށް ފުލުހުން ގެންދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ރ. ފައިނު
ރ. ފައިނު
ރ. ފައިނު