އައްޑޫ ސިޓީގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަން އުޅުނު 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މިއަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، "އޮޕަރޭޝަން ހަމަމަގު" އިމިގްރޭޝަނުން ކުރިއަށްގެންދިޔައީ އިއްޔެ ހެނދުނުން ފެށިގެން އިއްޔެގެ އިރުއޮއްސުމާ ހަމައަށެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އައްޑޫ ސިޓީގައި އިމިގްރޭޝަނުން ކުރިއަށްގެންދިޔަ "އޮޕަރޭޝަން ހަމަމަގު"ގައި އައްޑޫ ސިޓީން ޖުމުލަ 678 ބިދޭސީންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

"މީގެ ތެރެއިން 83 މީހުން ގަވާއިދާ ހިލާފަށް އުޅޭކަން ފާހަގަކުރެވިފައި. އެ މީހުން މިހާރު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި،" އިމިގްރޭޝަނުން ބުންޏެވެ.

25 ޖޫން 2025: އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، "އޮޕަރޭޝަން ހަމަމަގު" --- ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަނުން އިއްޔެ ބުނެފައިވަނީ އައްޑޫ ސިޓީގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވައިލުމަށް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް، މާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ގެންނާނެ ކަމަށާއި އެފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހީންނަށް ނޯޓިސް ހަވާލުކުރާނެ ކަމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ވަޒީފާދީގެން މަސައްކަތްކުރުވާ 75 ފަރާތަކަށް ނޯޓިސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުގެ ޓާސްކްފޯސްގެ އެ ރެއިޑު އޮޕަރޭޝަންގައި އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު އަދި ޑެޕިއުޓީ ކޮންޓްރޯލަރު އަހުމަދު އަޝްފާން ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އޭގެ އިތުރުން އިމިގްރޭޝަނުގެ 54 އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުންގެ 60 އޮފިސަރަކާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް ބައިވެރިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ދަނީ ސައްހަ ވިސާނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ފަށާފައިވާ އެންމެ މުހިންމު އެއް މަސައްކަތެވެ. ގަވާއިދާ ހިލާފަށް ބިދޭސީ މަސައްކަތްތެރިންނާ މެދު އަމަލުކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އެޅުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ.