ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އަދި އެ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑް ކުރުން އެމްޑީޕީން ކުށްވެރިކޮށްފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސައުދާއި ނަސްރުﷲ އެއް މަސް ދުވަހަށް ސަސްޕެންޑް ކުރީ ގިނަ ތުހުމަތުތަކެއް ކުރުމަށްފަހުއެވެ. އޭގެ ތެރޭގައި މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ސޫލޫކާ ހިލާފު އަމަލުތައް ކުރުން ހިމެނެއެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސައުދާއި ނަސްރުﷲ ސަސްޕެންޑް ކުރުމަކީ އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލުގެ އަގު ވައްޓާލައި، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރުތައް ކަނޑުވައިލުމަށް ޕީއެންސީން ކޮށްފައިވާ ކަމެއް ކަމަށެވެ.
އެލްޖީއޭ އިން އެ ފިޔަވަޅު އަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ ބޭނުންވާ ގޮތަށް ތިނަދޫ ކައުންސިލުން އަމަލު ކުރަމުން ނުދާތީ އެ އޮތޯރިޓީއަށް ހުށަހެޅި އެއްވެސް ހަގީގަތެއް ނެތް މައްސަލަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން އިތުރަށް ވަނީ، ކައުންސިލަރުން ސަސްޕެންޑް ކުރީ އެއްވެސް އިންޒާރެއް ދިނުމެއް ނެތި އަވަސް އަރުވާލައިގެން ކަމަށްވެސް ތުހުމަތުކޮށްފައެވެ. އަދި މިހާތަނަށް އައިއިރު ތިނަދޫ ސިޓީ ކައުންސިލުގެ އިދާރީ ހިންގުން އިސްލާހު ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅަން އެލްޖީއޭ އިން އަންގާފައި ނުވާ ކަމަށްވެސް ބުންޏެވެ.
"ޕީޕީއެމް/ޕީއެންސީގެ ފުރަތަމަ ވެރިކަމުގައިވެސް އެއްވެސް އިޖުރާއަތެއް ހިންގުމެއް ނެތި ކައުންސިލަރުން ސަސްޕެންޑް ކުރިއިރު އަނެއްކާ ވެސް އެ ދުވަސް އިއާދަކޮށް ލާމަރުކަޒީ ގާނޫނުގެ ބާރު ކަނޑުވައިލުމަށް މި ސަރުކާރުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ ބާރުތައް މަރުކަޒު ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ،" އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މުހައްމަދު ސިމާއު
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ