އިޒްރޭލާއި އީރާނުގެ ހަގުރާމަ މިވަގުތަކަށް ހުއްޓިއްޖެއެވެ. ދެފަރާތުން އެއްބަސްވީ ހަމަލާތައް މެދުކަޑައިލުމަށެވެ. ސުލްހަ ގާއިމުކުރާކަށެއް ނޫނެވެ. އެކަމެއް ނުކުރެއެވެ. އީރާނުގެ ނިއުކުލިއަރ މަޝްރޫއު އަދިވެސްއޮތީއެވެ. އެހެންވީމާ ކުރިއަށްެއޮތް ތަނުގައި ދެގޮތެއް މެދުވެރިވެދާނެއެވެ. އެއްގޮތަކީ އެޓަމިކް ހަކަތަޔާބެހޭ ބައިނަލްއަގުވާމީ އިދާރާގެ އިނިސްޕެކްޓަރުން އީރާނުގެ ނިއުކުލިއަރ މަރުކަޒުތައް އަލުން ބަލުން އައުބާރަކާއެކު ބަލަން ފެށުމެވެ. މޮނިޓަރ ކުރަން ފެށުމެވެ. އީރާނާއެކު ގާއިމުކުރެވޭ މުޅިން އައު އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ މީގެކުރިން 2015 ވަނަ އަހަރު އެމެރިކާގެ ރިޔާސަތުގައި ބަރަކް އޮބާމާ ހުންނެވި ދުވަސްވަރު ގާއިމު ކުރެވުނު ކަހަލަ އެއްބަސްވުމެކެވެ. މިދެންނެވި އެއްބަސްވުމަކީ އެމެރިކާޔާއި ޔޫރަޕުގެ ބާރުތަކާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. ރައީސް ޓްރަމްޕުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި މިދެންނެވި އެއްބަސްވުމުން ވަކިވީ އެމެރިކާއެވެ. އީރާނު ވަކިވީއެއް ނޫނެވެ. މިޒާތުގެ މުއާހަދާއެއް އަލުން ގާއިމު ކުރެވިއްޖެނަމަ އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމާމެދު ދުނިޔޭގެ އުދާސްތައް ކުޑަވުމަށް އެޅޭ ބާރަކަށްވާނެއެވެ.

މީގެއިތުރަށް އީރާނާ ދެކޮޅަށް ހުޅަގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިލިބުމަށްވެސް ބާރަކަށް ވާނެއެވެ. މިކަމުގައި ޔޫރަޕުގެ ގައުމުތަކަށް ދައުރެއް ލިބޭނީވެސް މިގޮތުންނެވެ. މިވަގުތު އެކަހަލަ ރަސްމީ ދައުރެއް ޔޫރަޕަކަށް ނެތެވެ. ޔޫރަޕުގެ ބާރުތަކުގެ ތެރެއިން ޖަރުމަންވިލާތާއި ފަރަންސޭސިވިލާތާއި އިގިރޭސިވިލާތުގެ ޚާރިޖީވަޒީރުން ވަނީ ހަގުރާމައިގެ ތެރޭގައި ސުވިޒަލެންޑުގެ ޖެނީވާގައި އީރާނުގެ ޚާރިޖީވަޒީރު ސައްޔިދު އައްބާސް އަރާގުޗީއާ ބައްދަލު ކުރައްވައި ޑިޕްލޮމެޓިކް ހައްލެއް ފެނޭތޯ މަޝްވަރާތަކެއްވެސް ކުރައްވައިފައެވެ. މި މަޝްވަރާތަކުގައި ޔޫރަޕުގެ އިއްތިހާދުގެ ގުޅިފައިވާ ޚާރިޖީ ސިޔާސަތާބެހޭ ބައިގެ ވެރިޔާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަކު ނަތީޖާއެއް ނުފެނުނެވެ. އަނެއްދުވަހު ފެނުނީ އެމެރިކާއިންވެސް ހަގުރާމައިގެ ތެރެއަށްވަދެ އީރާނަށް ހަމަލާދިން މަންޒަރެވެ. ކޮންމެއަކަސް ކުރިއަށްވުރެ ބޮޑަށް ޔޫރަޕު މިކަމުގެ ތެރެއަށް މިހާރު ވަންނަން އެބަޖެހެއެވެ.

އޭގެ މާނަޔަކީ އީރާނުގެ މައްޗަށް ޔޫރަޕުގެ ނުފޫޒާއި ކޮންޓްރޯލް އޮތުމެއް ނޫނެވެ. އެފަދަ އެއްޗެއް ނެތެވެ. އެކަމަކު އެމެރިކާއާއި އިޒްރޭލުގެ މުރަނަކަން ހިސާބަކަށް މަޑުކުރެވޭނެ ކެމިކަލެއް ބޭނުންވާއިރު އެ އެއްޗަކީ ޔޫރަޕު ކަމަށް ހެދިދާނެއެވެ. ނަތީޖާއެއް ފެނުމުގެ ފުރުސަތު ބޮޑީވެސް މިގޮތަށް ކުރެވޭ މަސައްކަތަކުންނެވެ. ކޮންމެއަކަސް މިކަންކަން މިހެންހުރީމާ ނިއުކުލިއަރ މުއާހަދާގައި ޔޫރަޕުގެ ބޮޑެތި ބާރުތައް އަލުން ބައިވެރިކޮށް ނިއުކުލިއަރ މަޝްވަރާތަކުގައި ޔޫރަޕަށް ބޮޑު ދައުރެެއްދީގެން އެބައިމީހުން މިކަމުގައި ޝާމިލްކުރުމަކީ އީރާނުގެ ބޭނުމަކަށް ވެދާނެއެވެ. އީރާނަށް ފައިދާބޮޑުގޮތަކީވެސް އެއީކަމަށް ވެދާނެއެވެ. އެހެންވީމާ ކުރިން ދެންނެވި މަގުން އައު މުއާހަދާއެއް އެކުލަވާލައި އީރާނުގެ ނިއުކުލިއަރ މަރުކަޒުތައް މޮނިޓަރ ކުރެވޭނެ އައު ނިޒާމަކަށް އީރާނު އެއްބަސްވެދާނެއެވެ. އެކަމަކު އެއީ ދަތިކުރުންތަކަށް ލުއިދޭން ހުޅަނގުގެ ބާރުތަކުންވެސް އެއްބަސްވާނަމައެވެ. ދޫދޭން ރުހޭނަމައެވެ. އެމެރިކާވެސް މިހާރު އޮތީ ކޮންމެހެން އީރާނުގެ ނިއުކުލިއަރ ޕްރޮގްރާމް މުޅިން ހުއްޓުވަން ބާރުއަޅާ ގޮތަކަށް ނޫނެވެ.

ނިއުކުލިއަރ ހަކަތަ އުފެއްދުމާބެހޭ ސުލްހަވެރި ޕްރޮގްރާމަކަށް އެމެރިކާއޮތީ ރުހިގެންކަމަށް ފެނެއެވެ. ހީވެއެވެ. އެހެން ހީވަނީ އެމެރިކާގެ ޚާރިޖީވަޒީރު މާކޯ ރޫބިއޯ ވިދާޅުވެފައިވާ ވާހަކަފުޅުތަކެއްގެ ސަބަބުންނެވެ. އޭނާ ވިދާޅުވިއެވެ. ސުލްހަވެރި ނިއުކުލިއަރ ޕްރޮގްރާމެއް ހިންގުމަކީ މައްސަލައެއް ނޫނެވެ. އީރާނުގެ ސަރުކާރު ބަދަލުކުރާކަށެއްވެސް ނޫޅެމެވެ. މިކަމަށް ހައްލު ގެނެވޭނީ ޔޫރަޕުގެ ބައިވެރިވުން އޮވެގެންކަމަށް ދެކެމެވެ. މިހާރުއޮތް ކަމަށް ފެންނަ ހަމައެކަނި މަގަކީ އެއީއެވެ. ރަޝިޔާގެ ބައިވެރިވުން މުހިންމެއް ނޫނެވެ. އިތުބާރު ކުޑަކަމުންނެވެ. ރޫބިއޯ މިހެން ވިދާޅުވިޔަކަސް، އަދި އީރާނުގެ ވިސްނުމަކީ މިއީ ކަމަށްވިޔަސް މިއީ އިޒްރޭލުން އެއްބަސްވާނެ ކަމެއް ނޫނެވެ. އީރާނާއެކު އެއްބަސްވުމެއް ހަދައިގެން އެއްވެސް ސިފައެއްގައި ނިއުކުލިއަރ ޕްރޮގްރާމެއް ހިންގުމުގެ ފުރުސަތު ދިނުމަކީ އިޒްރޭލް ބޭނުންވާ ގޮތެއް ނޫނެވެ. އެމެރިކާގެ ސިޔާސަތަށް އިޒްރޭލުގެ ނުފޫޒު ވަންނާނެއެވެ. އާޚިރުގައި އަމަލުކުރާނީވެސް އިޒްރޭލު ބޭނުންވާ ގޮތަކަށެވެ.

މިހުންނަނީ މިހެން ހުރެފައި ވިސްނާއިރު ވެދާނޭކަމަށް ހީވާ ކަންކަމެވެ. އެކަމަކު ހުރަސްތައް އެބަހުއްޓެވެ. ހުންނާނެއެވެ. ދޫދީގެން މަޑުމައިތިރިކަން ކުރިއަށް ނެރެން އީރާނު އެއްބަސްވާންޖެހޭ ސަބަބެއްވެސް ހަގީގަތުގައި ނެތެވެ. އީރާނުން ގޯހެއް ހަދާފައި އޮތީއެއްވެސް ނޫނެވެ. ގޯސްހެދީ އެމެރިކާއިންނެވެ. ކުރީގެ މުއާހަދާއިން ވަކިވީވެސް އެމެރިކާއިންނެވެ. އެއަށްފަހު އައު މަޝްވަރާތަކެއް ފަށައިގެން ކުރީގެ ބަސްމަގާއި އަމާޒުތައް މުޅިން ބަދަލުކުރީވެސް އެމެރިކާއިންނެވެ. އަދި މަޝްވަރާތައް ކުރިއަށްދަނިކޮށް އީރާނަށް ހަމަލަދީ ހަގުރާމަ ފަށަން އިޒްރޭލަށް ހިތްވަރުދިނީވެސް އެމެރިކާއިންނެވެ. މިކަންކަމަށް ރިއާޔަތްކުރާއިރު އީރާނުން ދޫދޭންވީ ސަބަބެއް ނެތެވެ. އެކަމަކު މިހުރިހާ ހަގުރާމަތަކާއި ބިރުވެރިކަމެއްގެ އަސްލަކީ ނިއުކުލިއަރ ޕްރޮގްރާމް ކަމަށްވާތީ ޔުރޭނިއަމް ފައްކާކުރުން ހުއްޓައިލުމުގެ ގޮވެލި އީރާނުގެ ބައެއް މީހުންވެސް މިހާރު ގޮވަން ފަށައިފިކަމަށް ފެނެއެވެ. އެކަމަށް ތާއީދުކުރާ މީހުން އީރާނުގައި އެބަތިއްބެވެ. އެހެންވީމާ އެއަޑުތަކަށް ރިއާޔަތްކުރުމަކީ ވެދާނޭ ކަމެކެވެ.

މިވަގުތު އީރާނުގެ ފަރާތުން އެކަހަލަ އިޝާރާތެއް ނުލިބުނު ކަމަށްވިޔަސް އެއީ ވެދާނޭ ކަމެކެވެ. މިވަގުތު އެއޮތީ ހަރުކަށި ވިސްނުމެއްގައެވެ. މިކަމުގެ ހެއްކަކީ އެޓަމިކް ހަކަތަޔާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން އީރާނު ވަކިވުމަށްޓަކައި ގާނޫނުހަދާ މަޖިލީހަށް ހުށައެޅުނު ހުށައެޅުމަށް މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ ރުހުން ދިނުމެވެ. އޭގެ މާނައަކީ މިކަން އަދި ފާސްވުމެއް ނޫނެވެ. ފާސްކުރިޔަސް އެއަށް އަމަލުކުރާނީ، ކުރެވޭނީ ރޫހީ ލީޑަރު އަލީ ޚާމަނާއީގެ ސޮއި ލިބުމުންނެވެ. ނިއުކުލިއަރ މުއާހަދާއިން ވަކިވުމާ ދިމާލަށް އީރާނުގެ މިސްރާބު ހުރިއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވިއެވެ. ހަމަހިލާ އީރާނަށް ނިއުކުލިއަރ ބޮން އުފެއްދުނަކަ ނުދޭނަމެވެ. ކޮންމެއަކަސް މުރަނަކަންހުރި ހިސާބަކީ މިއީއެވެ. ދެފަރާތުންވެސް މިސިފަ ފެންނަނީ ބޮޑުކޮށެވެ. އެކަމަށް މައިތިރިކަމެއް ގެނެވޭނީ ދޫދީގެންނެވެ. އެކަން ނުކުރެވޭނަމަ ދެފަރާތުންކުރެ ފަރާތަކުން ކުރާކަމަކުން ނުވަތަ އަޅާ ފިޔަވަޅަކުން އަނެއްކާވެސް ހަގުރާމަ ފެށިދާނެއެވެ. ހަގުރާމައިގެ ބިރު އަބަދުވެސް އޮންނާނެއެވެ.